އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގައި: ރީކޯ މޫސަ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީ އޮންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީ ބައިބައި ނުވެ މިހާ ދުވަހު އޮތީ މީގެ ކުރިން ރައީސް ނަޝީދާ ހިޔާލު ތަފާތުވާ އެމްޑީޕީގެ މެންބަރުން ގަދަ ނުހަދައި ޕާޓީ ދޫކޮށް ދާތީ ކަަމަށެވެ.

"މީގެ ކުރީގައި ވާގޮތަކީ އެމްޑީޕީއާ ހިޔާލު ތަފަތުވީމަ، ނުވަތަ ރައީސް ނަޝީދުގެ ހިޔާލުފުޅާ އެމީހަކާ ދިމާނުވެއްޖިއްޔާ ދެން އެމީހަކު ޖެހޭނީ ޕާޓީ ދޫކޮށް ދާން. މިހާތަނަށް ޕާޓީގެ ލީޑަޝިޕްގައި ތިބި އެންމެންނަށް ދިމާވީ އެކަން." ރީކޯ ވިދާޅުވިއެވެ.

މިހާރު އޮތް ވެރިކަމަކީ ކޯލިޝަނެއް ކަމުން އެހެން ޕާޓީތަކާ ގުޅުން ބަދަހިކުރަންޖެހޭނެކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ރައީސް ނަޝީދަށް "ހިން ނުދިރުވިގެން" އުޅެނީ ރައީސް ސޯލިހު ކޯލިޝަން ޕާޓީތަކާ ގުޅުން ބާއްވާތީ ކަަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދާ ހިޔާލު ތަފާތުވުމަށް ޖާގަ ނޯންނަ ކަމަށެވެ. އަދި އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގެ ދަށުގައި ކަމަށާއި ގިނަ މެންބަރުން އެމްޑީޕީން ވަކިވާންޖެހުނީވެސް އެހެންވެ ކަަމަށް މޫސަ ވިދާޅުވިއެވެ.

"އަބަދުވެސް ރައީސް ނަޝީދު ވެރިކަަމަށް ވަޑައިގެން އެމްޑީޕީ ހިފެހެއްޓީއްސުރެ ފަށައިގެން، އެމްޑީޕީ އޮންނަނީ ރައީސް ނަޝީދުގެ އަޅުވެތިކަމުގަ. ޕާޓީއަށް ލިބޭ އާމްދަނީންވެސް ހޭދަކުރައްވާ، ރައީސް ނަޝީދަށް ސަނާކިޔާ ގުރޫޕުގަނޑެއް އަބަދުވެސް [ޕާޓީ ތެރޭގައި] އުޅޭ. އެއީ އަޅުގަނޑުމެން އެމްޑީޕީ ދޫކޮށްފަ ބޭރަށް ނުކުންނަންޖެހޭ ކަަމަކީ." މޫސަ ވިދާޅުވިއެވެ.

މައްސަލަ ޖެހުނީ ރައީސް ނަޝީދު ވެރިކަމަށް އަންނަން ބޭނުންވެފައި ހުއްޓައި، އެމްޑީޕީގެ ގަވާއިދުގައި އޮންނަ ގޮތުން ރައީސް ސޯލިހަށް ރިޔާސީ ދެ ދައުރު ދޭންޖެހޭތީ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީ ހިންގުން ދެން ކުރިއަށް ގެންދިއުން ރަނގަޅުވާނީ ރައީސް ނަޝީދާ ނުލައި ކަމަށާއި، ރައީސް ނަޝީދު މިހާރު ފެއިލް ވެފައިވާ ކަމަށެވެ.

comment ކޮމެންޓް