ހުޅުމާލޭގައި ހިންގާ ތިން ގެސްޓުހައުސްއެއް ސަސްޕެންޑުކޮށްފި

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ގައިޑްލައިނާ ޚިލާފުވުމުގެ ސަބަބުން ހުޅުމާލޭގައި ހިންގާ ތިން ގެސްޓުހައުސް އެއް އޮޕަރޭޓު ކުރުމުގެ ލައިސަންސް ސަސްޕެންޑުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ "ސަން" އަށް ވިދާޅުވީ އެ ގެސްޓުހައުސްތައް ސަސްފެންޑުކޮށްފައި ވަނީ ދެކުނު އޭޝިއާގެ ފަތުރުވެރިން ދިގު މުއްދަތަކަށް އެކޮމޮޑޭޓު ކޮށްފައި ވާތީ ކަމަށެވެ.

އެ ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ލައިސަންސު ސަސްޕެންޑުކޮށްފައި ވަނީ ވަގުތީ ގޮތުން 15 ދުވަހުގެ މުއްދަތަށް ކަަމަށް އައްސަދު ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައި ވަނީ ހަަމައެކަނި ރިސޯޓުތަކުގައި ތިބެވޭ ގޮތައްކަން ފާހަގަކޮށް އައްސަދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ގެސްޓުހައުސްތައް އިންސްޕެކްޓު ކުރުމުގެ މަސައްކަތް އިއްޔެ ފެށީ، ގަވާއިދާ ހިލާފަށް ގެސްޓުހައުސްތަކުން ފަތުރުވެރިން އެކޮމޮޑޭޓް ކުރާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

ގަވާއިދުގައި ވާގޮތުން މާލެ ސަރަހައްދުގައި ހިންގާ ގެސްޓްހައުސްތަކުގައި ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ގިނަވެގެން 48 ގަޑިއިރަށް ކަމަށް އައްސަދު ފާހަގަކުރެއްވިއެވެ.

https://sun.mv/154262

"ޓޫރިޒަމް މިނިސްޓްރީން ކުރި އިންސްޕެކްޝަންގެ ތެެރެއިން ބަންދުކޮށްފައިވާ ތިން ގެސްޓުހައުސްގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި އޮޕަރޭޓް ކުރާ ތިން ގެސްޓު ހައުސް އަދި ނަސޭހަތްދީފައި ވަނީ މާލޭގައި އޮޕަރޭޓް ކުރާ ދެ ގެސްޓުހައުސް އާއި ހުޅުމާލޭގައި އޮޕަރޭޓް ކުރާ ގެސްޓުހައުސް އެއް،" އައްސަދު ވިދާޅުވިއެވެ.

ސަސްޕެންޑުކުރި ގެސްޓުހައުސް ތަކުގެ ލައިސެންސު 15 ދުވަސް ފަހުން ލިބޭނެ ކަމަށާއި އެހެން ނަމަވެސް އިންސްޕެކްޝަންގެ ތެރެއިން އިތުރު ކަމެއް ފާހަގަވެއްޖެ ނަމަ އަނެއްކާވެސް އެއަށްވުރެ ދިގު މުއްދަތަކަށް ގެސްޓުހައުސްގެ ލައިސެންސު އަތުލެވޭނެ ކަމަށް އައްސަދު އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް