އޮލިމްޕިކްސް: އެތުލީޓުންނަށް ހާއްސަ ވިލެޖުން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް

ޖަޕާނުގައި ބާއްވަން ތައްޔާރުވަމުން އަންނަ އޮލިމްޕިކްސް ގޭމްސްއަށް އެތުލީޓުން އައުން ---

އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ އޮލިމްޕިކްގައި ވާދަކުރާ އެތުލީޓުންނަށް ހާއްސަކުރެވިފައިވާ ވިލެޖުން ކޮވިޑް ކޭސްތަކެއް ފެނިއްޖެ އެވެ.

މިދިޔަ އަހަރު ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި އޮލިމްޕިކްސް މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރަކީ ކޮވިޑްގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެ، އަމުދުން އެ ވައިރަހަށް ވެކްސިނެއް ވެސް ނެތް ދުވަސްވަރަކަށްވާތީ އެވެ. އެކަމަކު މި އަހަރު އެތައް ވެކްސިނެއް އޮވެމެ އޮލިމްޕިކްސް ބާއްވަން އޮތް ގޮންޖެހުމަކީ ޖަޕާނުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމެވެ. އެ ގައުމުގައި ވެކްސިންގެ ރޯލްއައުޓް ދިޔައީ ރަނގަޅަށް ނޫން ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.

އެއާ އެކު ވެސް އޮލިމްޕިކްސް ކުރިއަށްގެންދަން ޖަޕާނުން ނިންމި އިރު، އިއްޔެ ވެސް އެ ގޭމްސްގައި ޝާމިލްވާ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އެތުލީޓަކާއި، ގޭމްސްގެ ފަސް ވޮލަންޓިއަރަކު ހިމެނޭ ކަމަށް އޮލިމްޕިކްސް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިދިޔަ ހަފުތާގައި ވެސް ބްރެޒިލްގެ އެތުލީޓުންނަށް ހާއްސަކޮށްފައި ހުރި ހޮޓަލަކުން އަށް މީހަކު ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ ހޮޓަލުގައި ތިބި ބްރެޒިލްގެ 31 އެތުލީޓުން ތިބީ ސަލާމަތުން ކަމަށާއި، ޕޮޒިޓިވީ ހޮޓަލުގެ މަސައްކަތްތެރިންކަމަށް ބްރެޒިލް ޓީމުން ވަނީ ބުނެފަ އެވެ.

ޖަޕާން ސަރުކާރުން މީގެ ކުރިން ވެސް ވަނީ ދެ ވަނަ ފަހަރަށް އޮލިމްޕިކްސް ފަސްކޮށްފިނަމަ މާލީ ގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަށަވަރުކޮށްގެން އޮލިމްޕިކްސް ޝެޑިއުލާ އެއްގޮތަށް ބާއްވަން ޖަޕާނު ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

comment ކޮމެންޓް