ބާ ކައުންސިލުގެ އިލްތިމާސްއަކުން ވަކީލުން ހިތްހަމަނުޖެހިފައި

ބާ ކައުންސިލުގެ އޭޖީެއމްގެ ތެރެއިން ގާނޫނީ ވަކީލުންތަކެއް. -- ފޮޓޯ/ބާ ކައުންސިލް

ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭގޮތުން ބައެއް ގާނޫނީ ވަކީލުން ސޯޝަލްމީޑިއާގައި ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން ފަނޑިޔާރުންގެ ހުރުމަތް ކެނޑޭތީވެ އެފަދަ އަމަލުތަކުން ވަކީލުން ދުރުވެތިބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިލްތިމާސްކޮށް ނެރުނު ބަޔާނާއެކު ގިނަ ގާނޫނީ ވަކީލުންތަކެއްް އެކަމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ބާ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ފަނޑިޔާރުންގެ ހުރުމަތަށް ގެއްލުންވާފަދަ ގޮތަކަށް ވަކީލުންގެ އަމަލުތައް ސޯޝަލްމީޑިއާގައި ހުރުމަކީ އާންމުން ކޯޓުތަކަށް ކުރާ އިތުބާރަށް އަސަރުކުރާނޭފަދަ އަމަލެއްކަމަށެވެ.

އަދި އެފަދަ އަމަލުތަކާ ދޭތެރޭ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކުރާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"އެފަދަ އަމަލުތަކުން ގާނޫނީ ވަކީލުން ދުރުވެތިބުމަށާއި، ގާނޫނީ ވަކީލުން މީސްމީޑިއާގައި ހަރަކާތްތެރިވާއިރު ގާނޫނީ ފަންނާއި އާންމު ސުލޫކީ މިންގަނޑުތައް ހިފަހައްޓައި، ފަނޑިޔާރުންނާއި ކޯޓުތަކުގެ ހުރުމަތާއި ގަދަރަށް އިހްތިރާމްކުރުމަށް މި ކައުންސިލުން ތަކުރާރުކޮށް އިލްތިމާސްކުރަމެވެ،" ބާ ކައުންސިލުގެ ބަޔާނުގައިވެއެވެ.

އަދި މީގެ އިތުރުންވެސް ޝަރީއަތުގެ މަރުހަލާގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރާފަދަ ގޮތަކަށް އަދި ވަކީލުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އަމަލުތައް ހިންގާ ކަމުގެ ޝަކުވާ ބާ ކައުންސިލަށް ލިބެމުންދާކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ވަނީ މި ސަބަބަށްޓަކައި ބަޔާނުގައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ދާއިރާގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލުތަކުން ދުރުހެލިވުމަށް އެންމެހާ ގާނޫނީ ވަކީލުން ހަނދާންކޮށްދީފައެވެ.

މީގެ އިތުރުންވެސް ބަޔާނުގައި ވަނީ ސުލޫކީ މިންގަނޑާ ހިލާފްވިކަމުގެ ޝަކުވާއެއް ލިބިއްޖެނަމަ އެ މައްސަލަ ބެލުމުގެ އިހްތިޔާރު ބާ ކައުންސިލަށް ލިބިގެންވާކަމަށްވެސް ބުނެފައެވެ.

ގާނޫނީ ވަކީލުންނަކީ ކޯޓުތަކަށް އިހްތިރާމާއި ގަދަރުކުރުމުގައި އަދި އެފަރާތްތަކުގެ އާންމު މަސައްކަތުގައި އަދި ދިރިއުޅުމުގައި ނަމޫނާ ދައްކައި، ކޯޓުތަކަށް ކުރާ އިތުބާރު ދަމަހައްޓައި ހިމާޔަތްކުރަންވާ ބައެއް ކަމަށް ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އަސާސީ ހައްގަކަށް އަރައިގަންނާތީ ވަކީލުން ރަތަށް!

ބާ ކައުންސިލުން ނެރުނު މި އެންގުމަށް ގިނަ ގާނޫނީ ވަކީލުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ބާ ކައުންސިލުގެ މި އެންގުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް އުނިކުރުން ކަމަށާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލު އެގޮތަށް ކޮންޓްރޯލް ނުކުރެވޭނެކަމަށް ވަކީލުން ދަނީ ބުނަމުންނެވެ.

އަދި ކޯޓުގެ އެތެރޭގައި ސުލޫކީ މިންގަނޑާއި ހިލާފްވެއްޖެނަމަ އެފަދަ ހާލަތެއްގައި އެ ހިލާފްވި ވަކީލެއް ނުވަތަ ފަނޑިޔާރަކާމެދު ފިޔަވަޅު އެޅުމަށްވެސް ބައެއް ވަކީލުން ވަނީ ގޮވާލާފައެވެ.

އެހެންނަމަވެސް ކަމާ ނުގުޅޭ އެހެން ހުރިހާ ވަކީލުންގެ ހައްގުތައް މިގޮތަށް ހަނިކުރުމަކީ ގިނަ ވަކީލުންތަކެއް އެކަމާއި ދޭތެރޭ ނުރުހުން ފާޅުކުރާ ކަމެއްކަމަށް ގާނޫނީ ވަކީލަކު ވިދާޅުވިއެވެ.

ހައްގު ބަސްބުނުމުގައި އަދި ތެދު ހާމަކުރުމަކީ ބާ ކައުންސިލަށް ނުހުއްޓުވޭނެކަމެއްކަމަށްވެސް ބުނެ ބައެއް ވަކީލުން ދަނީ ސޯޝަލް މީޑިއާގައި މިކަމާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ގާނޫނީ ވަކީލު އަދި ކުރީގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ކުރީގެ ޗެއާމަން ލުބްނާ ޒާހިރު މި މައްސަލައިގައި ޓްވިޓާގައި ވިދާޅުވީ ހައްގުބަސް ބުނުމުގައި އަދި ހިޔާލުފާޅުކުރުމުގައި ވަކީލުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އަދި ކްލަބްހައުސްގައި ވަކީލުން ފާޅުކުރާ ހިޔާލްތަކާއި ޝުއޫރުތައް "ހަޖަމް" ނުވީތޯ ސުވާލު އުފައްދަވާފައެވެ.

ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ މި ބަޔާނާއި ގުޅިގެން "ސަން" އަށް ވިދާޅުވީ މިއީ ވަރަށް "ޖެނެރަލް" ކޮށް ނެރެފައިވާ ބަޔާނެއްކަމަށެވެ. އަދި ވަކީލަކު ވަކި ހަމައެއް ފަހަނައަޅައި ގޮސްފިނަމަ އެއީ ކޮން ހަމައެއްތޯ އަދި މައްސަލައަކީ ކޮން މައްސަލައެއްތޯ ބާ ކައުންސިލަށް ބުނެދެވެން ޖެހޭނެކަމަށެވެ.

"އަސްލު ހަގީގީ މައްސަލައަކީ ބާ ކައުންސިލުން އަސާސީ ހައްގެއް ހަނިކުރާ ކުރުން، އެއީ މަޖިލީހުން ގާނޫނަކުން ނޫނީ ނުކުރެވޭނެ ކަމެއް، ދެން އެހެން އޮއްވާ ކޮން މައްސަލައެއް ކަމެއް...ވީ ކިހިނެތްކަމެއް، ކޮން އަމަލެއްކަމެއް ފަނޑިޔާރުންގެ ހުރުމަތް ކެނޑޭގޮތަށް ކުރީ، އެކަހަލަ އެތިކްސްތަކެއް ނޯވޭ ލިޔެފައެއް ބަޔާންކޮށްފައެއް,"

"މިވެނި ކަމެއް އެއީ ނުކުރެވޭނެ ކަމެކޭ، އެހެން އޮއްވާ މިކަހަލަ ޖެނެރަލް ބަޔާނެއް ނެރެ، އެ ހަމަ ރަނގަޅަށް ކިޔައިނުދީ ބަޔާންނުކޮށް، މިއީ ވާ ގޮތް. މިހެން ނެރުނީމަ ދެން ހިތަށް އަރަނީ، ފަނޑިޔާރަކު ކިތަންމެ ގޯސްކަމެއް ކުރިޔަސް ދެން ހުންނަންވީތޯއޭ އަނގަމަޑުން ލައިގެން،" ޝުނާނާ ވިދާޅުވިއެވެ.

ގާނޫނީ ވަކީލުން ބުނާ ގޮތުގައި މި ބަޔާނަކީ އެތައް އަހަރުތަކެއް ވަންދެން ފަނޑިޔާރު ގޭގައި އިސްލާހު ނުވެފަ އޮތް މައްސަލަތަކެއްގެ "ފްރަސްޓްރޭޝަން" ވަކީލުންގެ ފަރާތުން ފެންނަން ފެށުމުން އައި ނަތީޖާއެވެ.

އެގޮތުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި ބައެއް މައްސަލަތައް ރެޖިސްޓާ ވާ ގޮތް އަވަސްވެ ބައެއް މައްސަލަތައް ލަސްވުން، މައްސަލަތައް ދިގުލައިގެން ދިޔުން އަދި ވަކީލުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅުން ފަދަ އެތައް އެތައް މައްސަލަތަކެއް މިކަމުގެ ތެރޭގައި ހިމެނޭކަމަށް ގާނޫނީ ވަކީލަކު ބުންޏެވެ.

އަދި ހަމަ އެއާއެކު ފަނޑިޔާރުން ބޭނުން ގޮތަކަށް އަމަލުތައް ބަހައްޓައި ސުލޫކީ މިންގަނޑަށް ނުބެލުންވެސް އެއީ ވަކީލުންގެ ހިތްހަމަނުޖެހުން އަމާޒުވާ ދިމާލެކެވެ.

ފަނޑިޔާރުގެ އިސްލާހުކުރުމަށް އެތައް މަސައްކަތްތަކެއް ކުރެވުނުނަމަވެސް އަދިވެސް ބައިވަރު މައްސަލަތައް އެބަ ހުރިކަމަށް ވަކީލަކު ބުންޏެވެ.

"ކަމެއް ގޯސްކޮށް ދަންޏާ އެވާހަކަ ދެއްކޭނެތާ؟ ދައްކަންވެސް ދައްކާނެ ވަކީލުން،" ޝުނާނާ ވިދާޅުވިއެވެ.

comment ކޮމެންޓް