އީދު ދުވަހު މާލޭގައި ހަމައެކަނި ހިނގާފަައި އުޅޭ ވަގުތެއް ކަނޑައަޅައިފި

ޑިސެމްބަރ 2، 2019: މާލޭ ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް އަޟްހާ އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތެއް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އީދު ދުވަހު މާލޭގައި ހިނގާފަ އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ދުވަހު ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ކަމަށެވެ.

މޭޔަރު ވިދާޅުވީ އެކަމާ ގުޅޭގޮތުން މިހާރު ޓްރެފިކް ޕޮލިހާވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"މީގެ މަގްސަދަކީ މާލެ މިވަނީ ވަރަށް ބޮޑަށް ތޮށްޖެހިފައި. އަދި ހާއްސަކޮށް މި ކޮވިޑުގެ އެކިކަހަލަ ލޮކްޑައުންތަކުގެ ތެރޭ ރައްޔިތުން ތިބީ ގޭގައި ބަންދުވެފައި. ދެން އެހެންވީމާ މިހާރު ކޭސްތައް މަދުވެފައިވާ ދަނޑިވަޅެއްގައި މި އީދު އަންނަ އިރުގައި އަޅުގަނޑުމެންނަށް ރައްޔިތުންގެ ހިޔާލުން ލިބުނު ފީޑްބެކަކީ ރައްޔިތުން ބޭނުންވެޔޭ އައިލާތަކާއެކީ ނިކުމެލާާނެ ވަގުތުކޮޅެއް. އެހެންވީމަ ވެހިކަލާއި ޓްރެފިކްގެ ނުރައްކަލެއް ނެތި އާއިލާތަކާއެކު ނިކުމެވޭނެ ހަތަރު ގަޑިއިރު ހިނގާފަ އުޅޭގޮތަށް މާލެ ހުޅުމާލެ، ވިލިމާލެ އަޅުގަނޑުމެން މި ކަނޑައެޅީ،" މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މި ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކާއި، އިމަންޖެންސީ ހާލަތުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެކަމަށެވެ.

ހަމައެއާއެކު އީދު ދުވަހު ނިކުމެ އުޅޭއިރުވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް މޭޔަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލޭ ސިޓީގައި އީދު ދުވަހު ހިނގާފަ އުޅޭ ވަގުތެއް ކަނޑައަޅާފައިމިވަނީ އެކަމަށްޓަކައި އާންމުންގެ މެދުގައި ޕޯލެއް ހުޅުވާލުމަށް ފަހު އޭގެން ލިބުނު ނަތީޖާއަށް ބެލުމަށްފަހު ކައުންސިލްގެ މެމްބަރުންނާ މަޝްވަރާކުރުމަށްފަހުއެވެ.

comment ކޮމެންޓް