ފޯކައިދުއިން ނެގި ގިނަ ސާމްޕަލްތަކެއް ޕޮޒިޓިވް، ކޮމިއުނިޓި ސްޕްރެޑެއްކަމަށް ބެލެވޭ

ށ. ފޯކައިދޫ --- ފޮޓޯ/އަލީ ގުރައިޝް

ކޮވިޑް-19 އާ ގުޅިގެން ށ. ފޯކައިދުއިން ނެގި ސާމްޕަލްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެއެވެ.

ފޯކައިދޫއިން ނެގި ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް "ސަން" އަށް މީގެ ކުރިން ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވެފައިވަނީ ޑޮކްޓަރަށް ދެއްކި އަންހެނެއްކަމަށެވެ.

އެއާއެކު ކޮވިޑަށް ޓެސްޓުކުރުމަށް ރަށުތެރެއިން ސާމްޕަލް ނަގަށް ފެށިފަހުން ނެގި 45 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފޯކައިދޫ ހެލްތު ސެންޓަރުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބެއެވެ. އަދި ދެ ސާމްޕަލްއެއް ވަނީ ކޮންޓެމިނޭޓްވުމުގެ ސަބަބުން ނަތީޖާ ނުލިބިފައެވެ. ޖުމްލަ 12 ސާމްޕަލްއެއް ވަނީ ނެގެޓިވްވެފައެވެ.

ފޯކައިދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އަންވަރު "ސަން" އަށް ވިދާޅުވީ އެރަށުގައި ބައްޔަށް ޓެސްޓުކުރަމުންދަނީ ތިން ގިންތިއަކަށް ބަހާލައިގެންކަމަށެވެ. އަދި އެހާ ގިނަ ސާމްޕަލް ތަކެއް ކުޑަ ދުވަސްކޮޅެއްތެރޭ ޕޮޒިޓިވްވުމާއެކު ފޯކައިދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޓެސްޓުކުރަނީ ތިން ގިންތިއަކަށް ބަހައިގެން. އޭގެ ތެރޭގައި ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން. ދެން އެމީހާ ޕޮޒިޓިވްވުމުގެ ހަތް ދުވަސް ކުރިން ބަލީގެ އަލާމާތާއެކު ޑޮކްޓަރަށް ދެއްކި އެންމެން. ދެން އޭގެ އިތުރުންވެސް ބަލިވެގެން އަމިއްލައަށް ބޭސް ފިހާރައިން ބޭސް ގަތް މީހުން. އެ އެންމެން މި ޓެސްޓު ކުރަނީ. އެހެންވީމަ ރެންޑަމް އެއް ނޫން އަދި، ދެން ހޯމް ކަރަންޓީނުންވެސް ނޫން މި ޕޮޒިޓިވްވީ،" އަންވަރު ވިދާޅުވިއެވެ.

"ވަރަށް ބެލެވޭ ކޮމިއުނިޓީ ސްޕްރެޑެއްހެން، ދެން އެ ކަނޑައަޅާނީ އެޗްޕީއޭއިން."

ގާތްގަނޑަކަށް 1،500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފޯކައިދުއިން ދެ ދުވަސް ތެރޭ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެރަށުގައި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިޔުމަށް ރަށު ކައުންސިލުން ވަނީ އާންމުންނަށް އަންގާފައެވެ. ހަމައެއާއެކު ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފޯކައިދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް