ފަސް އަހަރުގެ ދައުރެއް އަމާންކަމާއި ސުލްހަވެރިކަމާ އެކު ނިންމައިލެވުނީ ވެރިކަން އުފެއްދުމަށްޓަކައި އެކުލަވާލި ކޯލިޝަން މިއަދާ ހަމައަށް ވެސް ދެމި އޮތަތީ ކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑީޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރަސްމީކޮށް ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. ފޯކައިދޫގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ އެމްޑީޕީގެ އެންމެ ފުރަަތަމަ ސަރުކާރަށް އައި ނިމުމަކީ ހިތްދަތި ނިމުމެއް ކަމަށް ވިދާޅުވެފައެވެ.
މާޒީގެ ތެރެއިން 2013 ވަަނަ އަހަރަށް ބަލައި ނަމަވެސް އޭރުގެ ސަރުކާރު ގެނައުމަށް އެކުގައި ކޯލިޝަން ހަދައި ޕާޓީތަކެއް މަސައްކަތްކުރި ނަމަވެސް އެ ކޯލިޝަން ވެސް ރޫޅުނީ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާ އެކު ފެނުނީ، ރާއްޖެ އެއިރު ނުދެކޭފަަދަ ބިރުވެރި ހާލަތަކަށް ރާއްޖެ ވެއްޓުނު މަންޒަރު ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން އޮތް މިނިވަންކަމާއި އެ ފަދަ އެތައް ހައްގެއް ގެއްލިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން ރާއްޖެ ކުރިމަތިލާން ޖެހުނީ ކޮންކަހަލަ ބިރުވެރިކަމަކާތޯ. ސިޔާސީ ލީޑަރުންނަށް ތިއްބަވަން ޖެހުނީ އެ ދުވަހު ކޮންތާކުތޯ. ނޫސްވެރިން އުޅެންޖެހުނީ ކޮން ހާލެއްގައިތޯ. ފަނޑިޔާރު ގެ އޮތީ ކިހިނެއްތޯ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އުޅެންޖެހުނީ ކޮން ގޮތަކަށްތޯ،" އޭރުގެ ހަނދާން އާކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިއަދު އެ މަނިކުފާނުގެ ސަރުކާރު ނިމުމާ ގާތްވަމުން އަންނައިރު، އެ މަނިކުފާނު ރާއްޖެއަށް ގެނެސްދެއްވަން ބޭނުންފުޅުވި އަމާންކަމާއި ސުލްހައާއި ހަމަޖެހުން އަލުން އިއާދަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދާ ހަމައަށް އައިރު ވެސް އެ ހަމަޖެހުން ދެމިއޮތީ ކޯލިޝަން ނުރޫޅި އޮތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއަަށްފަހު މިހާރު ދެކެމުން މި އަންނަނީ 20 18ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ވެރިކަމެއްގެ ފަސް އަހަރު. މި ފަސް އަހަރު ވެސް ރައްޔިތުން އިންތިޚާބުކުރީ ކޯލިޝަނަކުން. އެހެން ފަހަރުތަކާ ޚިލާފަށް ރައްޔިތުން ނިންމި ގޮތަށް މިއަދު ވެސް މި ކޯލިޝަން ދެމި އެބައޮތް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވުނުކަމުގެ އުފާ މިއަދު އިހްސާސުކުރެއްވޭކަމަށެވެ.
އެ ކަމުގައި ރައްޔިތުންގެ ތާއީދު އޮތް ކަމަށް ވެސް މިއަދު ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެވުނުކަމުގެ އުފާ އަޅުގަނޑަށް އިހުސާސްކުރެވޭ. މުޅި ރާއްޖެއަށް ހަމަޖެހުން ގެނުވިއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ފޯކައިދޫގައި ހުންނަވައި ދެއްކެވި ވާހަަފުޅުގައި ރައީސް ވަނީ މި ދާއިރާގެ ކުރީގެ މެންބަރު މަރްހޫމު ހުސައިން ވަހީދުގެ ހަނދާންތައް އައުކުރައްވައިފައެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެދި އެންމެ ފުރަތަމަ އެ މަނިކުފާނަށް ލަފާދެއްވީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެންބަރު މަރްހޫމު ހުސައިން ވަހީދު ކަމަށެވެ. އެއީ ހުސައިންގެ އުންމީދެއް ކަމަށާއި ފޯކައިދުއިން އެ މަނިކުފާނުގެ ކެމްޕޭން ހަރަކާތްތައް ފެށުމުގެ އެއް ބޭނުމަކީ ވެސް އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެތައް އެތައް ފަހަރަކު އަޅުގަނޑާ ބައްދަލުކުރެއްވި. އަދި އަޅުގަނޑު ކުރިމަތިލާންޖެހޭ ސަބަބު ވަރަށް ތަފްސީލްކޮށް ވަރަށް ގިނައިން ކިޔައިދެއްވި،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެ މަނިކުފާނުގެ ކުރިއަށް އޮތް ފަސް އަހަރުގެ މައިގަނޑު އަމާޒަކަށްވާނީ 'އުފާވެރި އަމާން ރާއްޖެ'އެއް ބިނާކުރުން ކަމަށެވެ.