ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން ގޮސް ހަދާނީ ކިހިނެތް؟

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ސޮއިކުރުމަށް ހަމަޖެހިފައިވަނީ އެކި ޓަވަރުތަކަށް ބަހާލައިގެން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ކޮންމެ ދުވަހަކުވެސް ސޮއި ކުރާނެ ޓަވަރުތަކުގެ މީހުންނަށް އެކަން އެނގޭނެހެން ޝެޑިއުލެއް އާންމުކޮށްފައިވާނެއެވެ.

"އެހެންވީމާ އެ ޝެޑިއުލްގައި އޮތް ގޮތަށް ކޮންމެ ދުވަހަކަށް އެ ޓަވަރެއްގެ ބޭފުޅުންނަށް ސޮއިކުރުމުގެ ފުރުސަތު ލިބިވިޑައިގަންނަވާނެ،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސޮއިކުރާ ދުވަހުގެ ކުރީ ދުވަހު އިތުރު ޝެޑިއުލެއް ވަގުތުތަކަކާއެކު އެކުންފުނިން އާންމުކުރެއެވެ. އެއީ ސޮއިކުރުމުގެ ކަންކަން ކުރިއަށް ދާއިރު ގިނަ ބަޔަކު ޖަމާވެ ތޮށްޖެހުން ކުޑަކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

އެ ކުންފުނިން ބުނިގޮތުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ކޮންމެ 30 މިނެޓަކުން 15 މީހުންނަށެވެ.

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެހެންކަމުން ކޮންމެ ބޭފުޅެއްވެސް އެ ބޭފުޅަކު އަންނަންޖެހޭ ވަގުތައް އައުން އެއީ ވަރަށް މުހިންމުކަމެއް." އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

ހަމައެއާއެކު ސޮއިކުރަން ދާއިރު ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށް، ހެކިވެރިޔާގެ އައިޑީކާޑު ކޮޕީ ހިފައިގެން ދިޔުމަށް ވެސް އެކުންފުނިން އިލްތިމާސްކުރެއެވެ.

އަދި ފްލެޓް ލިބިފައިވާ މިހާގެ ބަދަލުގައި އެހެން މީހަކު ސޮއިކުރަން އެދި ފޯމު ލާފައިވާނަމަ އެ ފޯމެއްގެ ހާޑްކޮޕީ ގެންދަންޖެހެއެވެ.

އެއްބަސްވުމުގައި ސޮއިކުރާ މީހުން އެންމެ ފުރަތަމަ ދިޔުމަށް ހަމަޖެހިފައިވާނީ ހުރަވީ ސްކޫލަށެވެ. އަދި އެތަނުގައިވާ ވެރިފައިކުރާ މޭޒުން އެ މީހެއްގެ މައުލޫމާތު ބަލައި އެ މައުލޫމާތު ދިމާވޭތޯ ޔަގީންކުރާއެވެ. އަދި ހެކިވެރިޔާގެ ލިޔެކިޔުން ހަމަވެފައި ހުރިތޯވެސް ބަލާނެއެވެ. އެއަށްފަހު ސޮއިކުރާ މީހާއަށް އެގްރީމަންޓް ހަވާލުކުރުމަށްފަހު އެތަނުގައި ހުރި ކައުންޓަރަށް ފޮނުވާނެއެވެ.

"ސޮއިކުރުން ކުރިއަށްދާނީ އެ ކައުންޓަރުގައި،" އޮފިޝަލް ވިދާޅުވިއެވެ.

ސޮއިކުރުމާއެކު އެތަނުގައިވާ ވެމްކޯގެ މޭޒުން، ވެމްކޯގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވެމްކޯގައި ރަޖިސްޓްރީވުމަށްފަހު ދެން ދާންޖެހޭނީ އެމީހަކަށް ލިބިފައިވާ ފްލެޓަށެވެ. އެތަން އަމިއްލައަށް ބެލުމަށްފަހު އެއްވެސް މައްސަލައެއްނުވާނަމަ އެކަމަށް އެއްބަސްވެ ހޭންޑްއޯވާ ފޯމް ގައި ސޮއިކުރަންޖެހޭނެއެވެ.

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. ބަދަލެއް ގެންނަން ބޭނުންވާނަމަ އެ ބަދަލެއް ލިޔުމަށްފަހު ފުރަންޖެހޭ ފޯމެއް ވާނެއެވެ. ދެން އޮންނާނީ ފެނާއި ކަރަންޓު މީޓަރު ބޯޑު ބެލުމެވެ. އެއާއެކު ފްލެޓުގެ ތަޅުދަނޑި ރަސްމީކޮށް އެޗްޑީސީން ހަވާލުކުރާނެއެވެ.

ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެޗްޑީސީގެ ހޮޓްލައިން 1516އަށް ގުޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

comment ކޮމެންޓް