ނިހާނަށް އުފުލި ދައުވާތަކުގެ އަޑުއެހުން ކެންސަލްކޮށްފި

5 މާރިޗް، 2020: ކުރީގެ މަޖިލިސް މެންބަރު އަހްމަދު ނިހާން ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ދައުވާތަކާ ގުޅިގެން މިއަދު ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލްކުރީ ދިފާއީ ވަކީލުންގެ އެދުމުގެ މަތިން ކަމަށެވެ.

"އަޑުއެހުންތައް ކެންސަލްކޮށްދިނުމަށް އެދުނުއިރު ވަކި ސަބަބެއް ވަކީލުން ހުށަހަޅުއްވާފައެއް ނުވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ނިހާންގެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ނިހާނަށް ދައުވާ އުފުލީ މަޖިލީހުގެ މެމްބަރު ކަމުގައި އަދި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކަމުގައި ހުންނެވިއިރު އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދި، އަދީބު ދިން ރިޝްވަތުގައި ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގުން ހާމަވުމުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ނިހާނަށް ލިބިފައިވާ ކަމަށް ބުނާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

comment ކޮމެންޓް