ކުޑަފަރީގައި ތިބި ދޮށީ އުމުރުގެ، ނުހިނގޭ މީހުންނަށް ވީލް ޗެއާ ފޯރުވައިދީފި

ކުޑަފަރީގައި ދިރިއުޅޭ ރަށްވެހިންގެ ތެރެއިން އުމުރުން ދުވަސް ވުމުގެ ސަބަބުން ތެދުވެ ނޫޅެވޭ ހާލުގައި ތިބި ފަރާތް ތަކަށް ސަރުކާރުން ފޯރުވައިދިން ވީލް ޗެއާ ރަށަށް އަރުވަނީ-- ފޮޓޯ/ ކުޑަފަރީ ކައުންސިލް

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ދިރިއުޅޭ ރަށްވެހިންގެ ތެރެއިން އުމުރުން ދުވަސްވުމުގެ ސަބަބުން ތެދުވެ ނޫޅެވޭ ހާލުގައި ތިބި ފަރާތް ތަކަށް ސަރުކާރުން ވީލް ޗެއާ ފޯރުކޮށްދީފިއެވެ.

ނ. ކުޑަފަރީގައި އުމުރުން 65 އަހަރުން މަތީގެ 40 މީހުން ތިބިއިރު އޭގެ ތެރޭގައި އެހީތެރިކަމަށް ބޭނުންވާ ހާލަތުގައި ތިބީ އަށް ފަރާތެކެވެ.

މި އަށް ފަރާތަށްވެސް މިހާރު ވަނީ ވީލް ޗެއާ ހަވާލުކޮށް ދީފައެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު "ސަން" އަށް ވިދާޅުވީ ކައުންސިލާ ހަވާލު ވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި އެއް ކަމަކީ ރަށުގައި ތިބި އިޖްތިމާއީ ރައްކާތެރިކަން ލިބެން ޖެހޭ މީހުންނާއި އެހީތެރިކަން ލިބެން ޖެހޭ މީހުންނަކީ ކޮބައިކަން ދެނެގަތުން ކަމަށެވެ.

އެގޮތުން ކައުންސިލުން އިސްނަގައިގެން ރަށުގެ ގޭގެއަށް ޒިޔާރަތް ކުރުމަށްފަހު ހެދި ސާވޭ އިން ދައްކާ ގޮތުން ދޮށީ އުމުރުގެ މީހުން ތެރޭގައި ތިން އަހަރު އެނދުމަތިވެފައި ތިބި މީހުންވެސް ތިބިކަން ފާހަގަ ކުރެވުނު ކަމަށެވެ.

ޝަމީމް ވިދާޅުވީ ސާވޭ އިން ފާހަގަ ކުރެވުނު ކަންކަމުގެ މައުލޫމާތު ޖެންޑާ މިނިސްޓާ އާއިޝަތު މުހައްމަދު ދީދީ އާއި މިނިސްޓްރީގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓްރީއަށް ދިޔައިރު ހުރިހާ އިސް ބޭފުޅުން ތިއްބެވި. ދެން ހުށަހެޅީ އަޅުގަނޑުމެން ތެރޭގަ ހުރީ މިވެނި އެވެނި މައްސަލަ ތަކެކޭ ފާހަގަ ކުރެވިފަ. މިނިސްޓާ ވިދާޅުވީ ފާހަގަ ކުރެވިފަ ތިބި މީހުންގެ ލިސްޓެއް ފޮނުވައިދޭށޭ. އަޅުގަނޑުމެން ކުރި ސާވޭ އިން ފާހަގަ ކުރެވުނު ހުރިހާ ކަމެއް ވަކިވަކިން ހުށަހެޅިން. އެންސްޕާ އަށްވެސް ހުށަހަޅައިގެން ވަރަށް ރަނގަޅު. މިނިސްޓާ ވެސް ބަރާބަރަށް ވާނުވާ ބައްލަވާ. ބިއުރޯއިންވެސް ބެއްލެވި. އަދި އެންސްޕާއިން ވަރަށް އަވަހަށް އެއްޗެތި ހަވާލު ކޮށްދީފި،" އަލީ ޝަމީމް ވިދާޅުވިއެވެ.

އަލީ ޝަމީމް ވިދާޅުވީ ކައުސިލުން ގެންގުޅެނީ ކަމާ ގުޅުންހުރި ފަރާތްތަކާ އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ވަރަށް ހަރުދަނާ ސިޔާސަތެއް ކަމަށެވެ.

އެގޮތުން ކުރައްވާ ކޮންމެ ކަމެއްގައިވެސް ޖެންޑާ މިނިސްޓްރީ އާ އެންސްޕާ އަދި އެނޫންވެސް ކަމާ ގުޅުން ހުރި އެކި ފަރާތް ތަކުގެ އެހީތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތެރިކަމާއި އެއްބާރުލުން ހަމަ މިގޮތުގައި ލިބެމުން ދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވިއެވެ.

ކުޑަފަރީން މިފަހަރު ވީލް ޗެއާ ލިބުނު ފަރާތް ތަކުގެ ތެރެއިން އެ ރަށު "ވީނަސް" ގޭ އިބްރާހީމް އަލީގެ އަންހެން ދަރިފުޅު މިލްހާނާ އިބްރާހީމް "ސަން" އަށް ބުނީ އެތައް ދުވަހެއްގެ ދިގު އިންތިޒާކަށް ފަހު ބައްޕައަށް ވީލް ޗެއާ ލިބުނު ވަގުތު ކުރެވުނު އުފާވެެރިކަމުގެ އިހްސާސް ބުނެދޭންވެސް ނޭނގޭ ކަމަށެވެ.

"ބައްޕައަށް ދިމާވި ގޮތަކީ ޖެހުނު ޝޮކެއްގަ އެއްފަޅިން ވާގިގޮސް ހިނގަން އުނދަގޫ ހާލަތަކަށް ދިޔައީ. ދެން ދާނެ އެއްވެސް ދިމާލެއް ނޭނގި ހާސްވެފަ ތިބެނީ ހަމަ. އެހެން އުޅެނިކޮށް މި ކައުންސިލް އައިސް މަސައްކަތް ފެށީ އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް ހޯދައިދޭން. ބައްޕައަށް ގޮނޑި ލިބުނީމަ އިހްސާސް ކުރެވިގެން ދިޔަ ރައްޔިތުންނަށް މި ހުރިހާ ހިދުމަތެއް ލިބެން އެބަހުއްޓޭ. ނަމަވެސް މީތި ހޯދަން ހަދަން ޖެހެނީ ކިހިނެއް ކަމެއް ނޭނގެ. އެ ޔަގީން ކަމެއް ނޯވެ. ދެން ކައުންސިލުން މަސައްކަތް ކޮށްގެން މި ވީލް ޗެއާ ބައްޕައަށް ލިބުނީމަ އުފަލުން ހަމަ ރޮވުނު،" މިލްހާނާ ބުންޏެވެ.

ކުޑަފަރީގައި އިގްތިސޯދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި ވަޒީފާ އަދާ ކުރުމެވެ.

އާބާދީގައި 860 މީހުން ދިރިއުޅޭ ކުޑަފަރީ އަކީ ދިގު މިނުގައި އެންމެ 0.6 ކިލޯމީޓަރު އަދި ފުޅާމިނުގައި 0.4 ކިލޯމީޓަރު ހުންނަ، ކުޑަ އެހެނަސް ފަރި ރަށެކެވެ.

comment ކޮމެންޓް