އަައްމާން (ޖުލައި 12): އުރުދުންގައި ބަޣާވާތް ކުރަން އުޅުމުގެ ދައުވާ ސާބިތުވެ ޝާހީ އާއިލާގެ މެމްބަރެއް ކަމަށްވާ ޝާރިފް ހަސަން ބިން ޒައިދާއި އެގައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރެއް ކަމަށްވާ ބައްސާމް އަވަދުﷲ 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އުރުދުންގެ ކޯޓަކުން މިއަދު ކުރި އަމުރުގައިވާ ގޮތުން، އެގައުމުގެ ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ވެރިކަމަށް ގެނެސް، ރަސްކަމަށް ގެއްލުން ދޭން ޒައިދާއި އަވަދުﷲ މަސައްކަތް ކުރި ކަމުގެ ހެކި އެ ކޯޓަށް ވަނީ ލިބިފަ އެވެ. އެހެންކަމުން އެ ދެ މީހުންގެ މައްޗަށް ކުރި 15 އަހަރުގެ ޖަލު ހުކުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ޒައިދު އިތުރު އަހަރެއް ތަންފީޒު ކުރަން ވަނީ އަންގާފަ އެވެ.
މިދިޔަ އޭޕްރިލް މަހު ޒައިދާއި އަވަދުﷲ ހައްޔަރު ކުރީ އުރުދުންގައި ބަޣާވާތް ކުރަން އުޅޭ ކަމުގެ ހަބަރު ފެތުރި، ހަމްޒާ ގޭ ބަންދުގައި ބެހެއްޓި ފަހުންނެވެ.
އުރުދުންގެ ސަރުކާރުން އޭރު ބުނި ގޮތުގައި ހަމްޒާ ގޭ ބަންދުގައި ބެހެއްޓީ ގައުމުގެ ހަމަޖެހުން ނަގާލަން އޭނާ ބޭރުގެ ފަރާތްތަކާ ވާހަކަ ދެއްކެވުމުންނެވެ. އަދި ފަހުން ޝާހީ ގަނޑުވަރުން ވަނީ ރަސްގެފާނު އަބްދުﷲ ދެވަނައަށް ހަމްޒާ ބައިއަތު ހިއްޕަވާފައިވާކަން އިއުލާންކޮށްފަ އެވެ.
އެ މައްސަލައިގައި ހަމްޒާގެ މައްޗަށް ދައުވާކޮށްފައި ނުވެ އެވެ.
ހަމްޒާ އަކީ އުރުދުންގެ ކުރީގެ ރަސްގެފާނު ހުސައިންގެ ހަތަރު ވަނަ ފިރިހެން ދަރިކަލުންނެވެ. އަދި 1999ގައި ރަސްގެފާނު ހުސައިން އެގައުމުގެ ވަލީއަހުދު ކަމަށް ހަމްޒާ އައްޔަން ކުރި އެވެ. ނަމަވެސް އެ އަހަރު ރަސްގެފާނު ހުސައިން އަވަހާރަވި އިރު ހަމްޒާ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން މާ ތަޖުރިބާ މަދު ކަމަށް ބަލާ، ތަހުތަށް އިސްވެވަޑައިގެންނެވީ ރަސްގެފާނުގެ ދޮށީ ދަރިކަލުން އަބްދުﷲ ދެވަނަ އެވެ. އަދި 2004 ވަނަ އަހަރު ރަސްގެފާނު އަބްދުﷲ ވަނީ ހަމްޒާ ވަލީއަހުދުގެ މަގާމުން ދުރުކޮށް، އެމަގާމު އޭނާގެ ދޮށީ ދަރިކަލުންނަށް ދެއްވާފަ އެވެ.