ވީއައިއޭ ތަރައްގީ ކުރަން 50 މިލިއަން ޑޮލަރުގެ ލޯނެއް

ވީއައިއޭ ތަރައްގީ ކުރަން 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން--- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވައިތުން އިތުރު 50 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޯ އެޑްމިން އެންޑް ފައިނޭންސް އެފެއާޒްއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ވީއައިއޭ ތަރައްގީކުރުމަށް ކުވައިތު ފަންޑުގެ ފަރާތުން 15 މިލިއަން ދީނާރު ދިނުމަށް ވަނީ ނިންމާފައެވެ. މިއީ 49.95 މިލިއަން އެމެރިކާ ޑޮލަރެވެ. އޭގެ ދިވެހި ރުފިޔާގެ އަގަގީ 770 މިލިއަނެވެ.

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފެށި ގާތްގަނޑައަށް 1.2 ބިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން ވީއައިއޭގައި އާ ފަސިންޖަރު ޓާމިނަލަކާ، ފިއުލް ފާމެއްގެ އިތުރުން ކާގޯ ޓާމިނަލަކާ ވީއައިޕީ ބިލްޑިންއެއް އަދި އާ ސީޕްލޭން ޓާމިނަލެއް ގާއިމުކުރާނެ އެވެ. މި މަޝްރޫއުގައި ހިމެނޭ އާ ރަންވޭގެ މަސައްކަތް އޮތީ ނިމިފައެވެ.

ފިއުލް ފާމްގެ ގިނަ މަސައްކަތްތައްވެސް ނިމުމަކާ ގާތްވެފައިވާއިރު މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު މަތިންދާބޯޓަށް އަޅާ ތެޔޮ (ރައްކާކުރެވޭ މިންވަރު މިހާރު ހުރި 15 މިލިޔަން ލީޓަރުން 45 މިލިޔަން ލީޓަރަށް އިތުރު ވާނެ އެވެ. ޕެޓްރޯލް ރައްކާކުރެވޭ މިންވަރު 100,000 ލީޓަރަށް އިތުރު ކުރެވި، ޑީސަލް ރައްކާކުރެވޭ މިންވަރު އެއް މިލިޔަން ލީޓަރަށް އިތުރުވާނެއެވެ. އަދި ފިއުލްބައުޒަރުތައް ބޭނުންކުރުމުގެ ބަދަލުގައި ފިއުލް ހައިޑްރަންޓް ބޭނުންކޮށްގެން ފަސޭހައިން މަތިންދާބޯޓަށް ތެޔޮ އެޅޭނެ އިންތިޒާމު މިއާއެކު ހަމަޖެހޭނެއެވެ.

comment ކޮމެންޓް