ގާނޫނު ތަސްދީގުކޮށް ރެވެނިއު ސްޓޭމްޕް ޖެހުން އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އާވުލުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

މި ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމެޓީން ނިންމި ގޮތަށް މަޖިލީހުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީގުކުރެއްވުމާއެކު ރާއްޖޭގައި ރަސްމީ ލިޔެކިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމާ ބެހޭ ކަންކަން އުވުނީއެވެ.

ނަވާރަސަތޭކަ ހަތްދިހަވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި، "އެކި އެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު" އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އެވެ.

މިމަހު 24 ވަނަ ދުވަހު އާޒިމް ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.

ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައިވަނީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްތަކައި ހިނގާ ހަރަދާ އަޅާބަލާއިރު ލިބޭ އާންމުދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ. އަދި އެއީ އާންމު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިލާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް