ތިނަދޫގައި އަޅާފައިވާ ކޮވިޑުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފި

ގ.ދ. ތިނަދޫ. (ފޮޓޯ / ސްޓޫޑިއޯ33)

ކޮވިޑް-19އާއި ގުޅިގެން ގދ. ތިނަދޫގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށައިފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އާބާދީ ބޮޑު ތިނަދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ލުއިތަކެއް ދޭން ނިންމާފައިވާކަމަށް ބުނެފައެވެ. ތިނަދޫ ކައުންސިލުން ލުއިތަކެއް ދޭން ފަށާފައި މިވަނީ އެ ރަށުގައި ކޮވިޑުގެ ކޭސްތައް ކޮންމެވެސްވަރަކަށް ކޮންޓްރޯލް ކުރެވުމާއެކުގައެވެ.

އެގޮތުން ތިނަދޫ ކައުންސިލުން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ފުލުހުންގެ ޓައިމްބައުންޑް ހުއްދައާއެކު އާންމުން ބޭރަށް ނިކުތުމުގެ ހުއްދަދިނުން ހިމެނެއެވެ.

އަދި ކަސްރަތުކުރަން ބޭނުންވާ ފަރާތްތަކަށް ފަތިހު 5:30 އިން ފެށިގެން 6:30 އާއި ހަމަޔަށް އެއްވެސް ހުއްދައަކާ ނުލައި ކަސްރަތު ކުރަން ނިކުންނަން ހުއްދަ ދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް މިއަދުގެ އިޝާ ނަމާދުން ފެށިގެން ތިނަދޫގެ މިސްކިތްތަކުގައި ގައިދުރުކަމާއެކު ޖަމާއަތުގައި ނަމާދުކުރަން ކައުންސިލުން ވަނީ ހުއްދަދީފައެވެ. އަދި ނަމާދަށް މިސްކިތަށް ދާ ފަރާތްތަކަށް ނަމާދުގެ ބަންގި ގޮވާތާ 15 މިނެޓް ތެރޭ އެއްވެސް ހުއްދައެއް ނުނަގާ މިސްކިތަަށް ދިޔުމަށާއި ނަމާދު ނިމިގެން 15 މިނެޓު ތެރޭ އިތުރު ހުއްދައެއް ނުނަގާ އަބުރާ ގެޔަށް ދިޔުމަށްވެސް ވަނީ ހުއްދަދީފައެވެ.

ތިނަދޫ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ 14 ޖުލައިއިން ފެށިގެން ތިނަދޫ އީއޯސީއިން އިންސްޕެކްޓްކުރުމަށްފަހު ފިހާރަތަކުން ހިދުމަތް ދިނުމަށް ހުއްދަދޭންވެސް ނިންމައިފައެވެ.

އަދި ކައުންސިލު އިދާރާއިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުތަކަށް މަސްވެރިކަމަށް ނިކުތުމަށްވެސް ހުއްދަ ދިނުން ހިމެނެއެވެ.

ތިނަދޫ ކައުންސިލުން މި ލުއިތައް ދޭން ނިންމާފައިވާއިރު އެ ރަށުން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ ވަނީ 15 މީހަކު އަލަށް ޕޮޒިޓިވްވެފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިނަދޫގައި 218 ކޭސް އެބަ ހުއްޓެވެ. ރަށުން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު ވަނީ 845 އަށް އަރައިފައެވެ. އަދި ޖުމްލަ ދެ މީހަކު ވަނީ ބަލި ޖެހިގެން ތިނަދޫއިން ނިޔާވެފައެވެ.

comment ކޮމެންޓް