ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.
އަބްދުالله ކަމާލުއްދީން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މައުމޫނާއެކުގައެވެ. އަދި ފަހުން ޖުމްހޫރީ ޕާޓީގައިވެސް އޭނާ އުޅުއްވިއެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން ސިޔާސީ މަސައްކަތް އަލުން ފެއްޓެވުމުން އޭނާ އުޅުއްވީ މައުމޫނާއެކުގައެވެ.
ރައީސް މައުމޫނުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޕާޓީ އުފެއްދުމުގައި އުޅުއްވުމުގެ އިތުރުން, ރައީސް މައުމޫނުގެ ސިޔާސީ މަސައްކަތުގެ ފަރާތުން އަބްދުالله ކަމާލުއްދީން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށްވެސް ކުރިމަތިލެއްވިއެވެ.
ނަމަވެސް އޭނާ ވަނީ މި އަހަރުގެ ޖޫން 30 ވަނަ ދުވަހު އެމްއާރުއެމްއިން ވަކިވެވަޑައިގެންފައެވެ.
އަބްދުﷲ ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ އެމްއާރުއެމް ދޫކޮށްލީ މިވަގުތު ރާއްޖޭގެ ސީޔާސީ ކަންކަން ހުރިގޮތުން، ސިޔާސީ ކަންކަމާ މެދު އެހެން ނަޒަރަކުން ދެކެން ބޭނުންވާތީ ކަމަށެވެ.
އާ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި އަބްދުالله ކަމާލުއްދީން ވިދާޅުވިއެވެ.
އެގޮތުން އެބޭފުޅާއާ އެއް ހިޔާލެއްގައި، އެއް މަގްސަދެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން، "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" (NATIONAL SOLIDARITY PARTY)ގެ ނަމުގައި، އާ ސިޔާސީ ޕާޓިއެއް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް، މިއަދު ހުށަހަޅާފައިވާ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އެމްއާރުއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ފޯމު ހުށަހަޅާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން ވަނީ ހާމަވެފައެވެ.
އެ ޕާޓީ އުފެއްދުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިތުބާރު ހުރި ފަރާތަކުން "ސަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް ޕާޓީގެ ނަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިހާރުވެސް ރާއްޖޭގެ ރެޖިސްޓާ ކޮށްގެން ހިންގާ ޖުމްލަ 10 ސިޔާސީ ޕާޓީއެއް އޮވެއެވެ.