އެޑްވަޓޯރިއަލް: އުމްރާނީ ތަރައްގީއާއެކު ތިމާވެށި ރައްކާތެރިކުރުން

އިންސާނުންގެ ފަރާތުން ތިމާވެއްޓާއި ދުނިޔެއަށް ކޮންމެެވެސް ބަދަލުތަކެއް އަންނަކަމީ އެއްވެސް ބަޔަކު ދެބަސްނުވާނެ ހަގީގަތެކެވެ. އަޅުގަނޑުމެންގެ ދުނިޔެއަކީ ވަރަށް ގިނަ ގޮތްގޮތުން އަމިއްލައަށް އިޔާދަވުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. ނަމަވެސް އިންސާނީ ތަރައްގީއާއި ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ދުނިޔޭގެ ގުދުރަތީ ނިޒާމުތަކަށް ބުރޫއަރައި، އަލުން އިޔާދަ ނުކުރެވޭފަދަ ގެއްލުންވާން ފެށުމުން އިންސާނުންގެ އާދަކާދަތައް ބަދަލުކޮށް، ދުނިޔޭގެ ނިޒާމުތައް ރައްކާތެރިކޮށް އިޔާދަކުރަން މަސައްކަތްކުރަން ޖެހެ އެވެ.

ގްރޭޓާ މާލެ ސަރަހައްދަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ މީހުން ގިނަ، ކާރުބާރު ބޮޑު ސަރަހައްދެވެ. އަދި މީހުން ބައިބޯވެ ތޮއްޖެހުން އިތުރުވާ ވަރަކަށް މި ސަރަހައްދުގައި ދިމާވާ މައްސަލަތައްވެސް ދަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ 30 އަހަރަށް ބަލާއިރު މާލެ ސިޓީގެ މުޖުތަމައުއަށާއި ދިރިއުޅުމަށް ވަނީ އެތައް ބަދަލެއް އައިސްފަ އެވެ. އައު ވިޔަފާރިތަކާއި ހިދުމަތްތައް ގިނަވުމާއެކު މީހުން އެކި ތަންތަނަށް ދާން ޖެހުމާއި މުދާ އުފުލުން ވަނީ އިތުރުވެފަ އެވެ. ހަމައެއާއެކު އެކި ބާވަތުގެ އުޅަނދުފަހަރު އިތުރުވެ، މަގުތައް ވަނީ ތޮއްޖެހިފަ އެވެ. އަހަރުތަކެއް ކުރިން މަދު އަދަދެއްގެ ސައިކަލާއި ކާރުފަދަ އުޅަނދުތަކުން ދަތުރުފަތުރުގެ ކަންކަން ފަރުޖެހިގެން އުޅުނު މާލޭގެ މަގުތައް ފުރި، ވެހިކަލް ދުއްވުމާއި ހިނގުން އަދި ނޭވާލުމަށްވެސް ދަތިވާ ހިސާބަށް ވަނީ ގޮސްފަ އެވެ.

ދުނިޔޭގައި ދަތުރުފަތުރުން އުފެދޭ ގްރީންހައުސް ގޭހުގެ 95 އިންސައްތައަކީ ކާބަންޑައިއޮކްސައިޑް އެވެ. ކާރުހާނާތަކަށް އައި އިންގިލާބަށްފަހު ގްރީންހައުސް ގޭސް އުފެއްދުމާއި ބޭރުކުރާ މިންވަރު އިންތިހާއަށް ވަނީ މައްޗަށް ގޮސްފަ އެވެ. މި ގޭސްތައް އުފެއްދުމާއި ބޭރުކުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އެހެން ނޭދެވޭ އަސަރުތަކަށްވެސް އެދެވޭ ބަދަލެއް އަންނާނެ އެވެ.

ސިޓީއެއްގައި މީހުންނާއި ހިދުމަތްތައް ގިނަވުމާއެކު ހަކަތަ ބޭނުންވާވަރު އަދި ހަކަތަ އުފައްދަންޖެހޭ މިންވަރު ދާނީ މަތިވަމުންނެވެ. ހަކަތަ އުފައްދާ މިންވަރު އިތުރުވުމާއެކު އުފެދޭ ގޭސް ގިނަވެ ވައި ތަގައްޔަރުވުމާއެކު ހޫނުމިންވެސް މައްޗަށް ދެއެވެ. ނަމަވެސް ޒަމާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ އެހީގައި މިކަންކަމަށް ހައްލު ހޯދޭނެ އެވެ. މަދު ހަކަތަ ބޭނުންކުރާ ބާވަތުގެ ވަސީލަތްތައް އަންނަނީ އީޖާދު ކުރަމުންނެވެ. އަދި ގިނަ މީހުން އެފަދަ އައު ވަސީލަތްތަކަށް އަހުލުވެރިވެ، ބޭނުންކުރަން ފެށުމުން ގިނަ ކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ.

މުޖުތަމައުގައި އާބާދީ ބޮޑުވާވަރަކަށް އުފެދޭ ކުނި ގިނަވެ އެވެ. ކުނި އެއްކުރުމާއި ނައްތާލުމަށް އެކަށީގެންވާ ނިޒާމުތަކެއް ގާއިމުކޮށްފައިވީ ނަމަވެސް އާބާދީ ބޮޑުވަމުންދާ މިންވަރާއި ކުނި އުފެދޭ މިންވަރަށް ބަލާއިރު އަދިވެސް މިހާރަށްވުރެ ހަރުދަނާ ރަނގަޅު ނިޒާމުތަކެއް ގާއިމުކުރުން ވަރަށް މުހިންމެވެ. މިހާރުވެސް ދުނިޔޭގެ ބައެއް ތަންތަނުގައި ބޭނުންކުރާ މިފަދަ ވަސީލަތްތަކުގެ ތެރޭގައި އިރުގެ ހަކަތައިން މަސައްކަތްކުރާ ކުނި ކޮމްޕެކްޓް ނުވަތަ ފިއްތާ މެޝިން ހިމެނެ އެވެ. މި ސްމާޓް ސިސްޓަމްގައި ސެންސަރު އަދި ކެމެރާ ހުރެ އެވެ. އަދި އަމިއްލައަށް ކުނި ކޮމްޕްރެސްކޮށް ފުރުމުން، ކުނި މެނޭޖުކުރާ އިދާރާތަކަށް ކްލައުޑް މެދުވެރިކޮށް ސިގުނަލް ދެއެވެ. ސިގުނަލް ލިބި، މެޝިން ހުސްކުރާ އުޅަނދު ގޮސް އެ މަސައްކަތް ކުރުމުން މިފަދަ ބޮޑެތި އުޅަނދު ބޭނުންކުރުން މަދުވެ، އޭގެން އުފެދޭ ގޭހުގެ މިންވަރާއި ކާބަން ފުޓްޕްރިންޓް ކުޑަވެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހޯދުންތައް ދައްކާ ގޮތުގައި ދުނިޔެއަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ 25 އިންސައްތައަކީ ދަތުރުފަތުރުގެ ނިޒާމުތަކުން އުފައްދާ އެމިޝަންތަކެވެ. އުޅަނދުފަހަރުން ވަރަށް ގިނަ އަދަދެއްގެ ތެޔޮ ބޭނުންކުރުމާއެކު އުޅަނދުފަހަރުން އުފެދޭ އެމިޝަންވެސް ގިނަ އެވެ. ތެޔޮ ބޭޏުންކުރާވަރު އަދި އުފެދޭ އެމިޝަން މަދުވާނެހެން އުޅަނދު ދުއްވުމަށް އެންމެ ރަނގަޅީ ގަޑިއަކު 45-65 މޭލުގައި ދުއްވުމެވެ. ދަތުރުފަތުރުގެ ނިޒާމުތަކުގައި މިހާރު ފަހުގެ ސޮފްޓްވެއާ، ހާޑްވެއާ އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ އަވަސް އަދި ރައްކާތެރި ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ މަގުފަހިކޮށްފަ އެވެ. ކެމެރާ، ސެންސާ އަދި ޓްރެފިކް ސިގްނަލް ބޭނުންކޮށްގެން ޓްރެފިކް ތޮއްޖެހި ހުއްޓުން އަރާނެ މަގުތަކުން ދަތުރު ނުކުރުމަށް އަންގައިދޭ ވަކި ނެވިގޭޝަން ސިސްޓަމްތައް ހުރެ އެވެ. މީގެ އިތުރުން ސްމާޓް ބައިސްކަލު ބޭނުންކުރުމާއި ރައިޑް ޝެއާކުރުން ފަދަ ކަންކަމަކީވެސް މިހާރު އާލާވަމުން އަންނަ ކަންކަމެވެ.

މިފަދަ ބައިވަރު އައު ނިޒާމުތައް އެހެން ގައުމުތަކުގައި ބޭނުންކޮށްގެން ކުރިއެރުންތައް ވަނީ ހޯދާފަ އެވެ. ސިންގަޕޫރު ސަރުކާރުން އެގައުމުގައި ބަސް ބޭނުންކުރާ ފަރާތްތަކާއި ސަރަހައްދުތައް ފާހަގަކޮށް (މީހުންގެ ޒާތީ މައުލޫމާތު ނުހިމަނައި) އަމިއްލަ ބަސް ދުއްވާ ކުންފުނިތަކާއި ހިއްސާކުރުމުން ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވެ، ކާރުފަދަ އަމިއްލަ އުޅަނދު ބޭނުންކުރާވަރު މަދުވެ އެވެ. މި "ކްރައުޑް ސޯސްޑް" ހިދުމަތަށް ކިޔަނީ "ބީލައިން" އެވެ.

މިދިޔަ އަހަރު ކޮވިޑް19އާ ގުޅިގެން ފުރަތަމަ ފަހަރަށް ދުނިޔޭގެ އެކި ކަންކޮޅުތަށް ލޮކްޑައުން ކުރުމުން ގުދުރަތީ އެކި ނިޒާމުތައް އާރާސްތުވެ، އެކި ކަހަލަ ދިރުންތައް ސިޓީތަކުގައި އާލާވި އެވެ. މީހުން ގޭގޭގައި ލޮކްޑައުންވުމާއެކު އުޅަނދުތައްވެސް ޕާކުކުރި ގޮތަށް ހުރީ އެވެ. ޕެޓްރޯލް ޝެޑުތަކުގައި އާންމުކޮށް އޮންނަ ކިޔުތައް ގެއްލުމުނން އޮފީސްތަކާއި ސްކޫލްތަކަށް ދާން ދުއްވުމަށް ބޭނުންކުރާ ތެލުގެ މިންވަރު އަްދާޒާކޮށްލެވެ އެވެ. ލޮކްޑައުން ދުވަސްކޮޅުގައި ބޭރުތެރޭގެ ވައި ސާފުވެ، ހަމަނޭވާލާން ފަސޭހަކަން ފާހަގަވި އެވެ. މިކަމުން ދޭހަވީ ގޭގައި ތިބެ މަސައްކަތްކުރުން ފަދަ އާދަތަކުން ދިރިއުޅުމުގެ އިތުރުން ތިމާވެއްޓަށްވެސް އެދެވޭ ބަދަލުތަކެއް ގެނެވިދާނެކަމެވެ.

ޕޮލިއުޝަން ނުވަތަ ވައި ނުސާފުވުން ކުޑަކުރުމުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށް ވައިގެ ކޮލިޓީ، ހަކަތަ ބޭނުންކުރާވަރު އަދި ފެނާއި ކަރަންޓު އަދި އުފެދޭ ކުނި މޮނީޓާކޮށްގެން އެމިޝަންސް 10-15 އިންސައްތަ މަދުކުރެވިދާނެ އެވެ. ސެންސަރު އަދި ކެމެރާތަކުން ލިބިދޭ ޑޭޓާގެ އެހީގައި މިކަންކަން މޮނީޓާ ކުރެވި އެ މައުލޫމާތުގެ އަލީގައި ބޭނުންތެރި ހައްލު ހޯދޭނެ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމްކުރުމުން އިސްރާފު ކުޑަ، މަދު ހަކަތަ ބޭނުންކުރާ ސާފުތާހިރު ސިޓީއެއް ބިނާކުރެވޭނެ އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށްގެންދާ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން މިފަދަ އުުފެއްދުންތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުމާލެެއަކީ ސްމާޓް އަދި ތިމާވެއްޓާ ރައްޓެހި، ފަހި ސިޓީއަކަށް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް