ހިޔާ ޔޫނިއަންގެ އަޑު ސަރުކާރުން އެހުމަށް މުއިއްޒު ގޮވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ޕްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ޔޫނިއަންއިން ކުރަމުންދާ އާދޭސް ސަރުކާރުން އަޑުއަހާ އެކަމަށް އިޖާބަ ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ހިޔާ ޔޫނިއަންއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތައް އެކުވެގެން ހިންގާ ވައިބާ ގުރޫޕެކެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ހައްގުވެރީން ކުރަމުންދާ އާދޭސް ތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ސަރުކާރުން އިޖާބަ ދެއްވުމަކީ ރައްޔިތުންގެ ހައްގުގައި ކޮށްދޭންވާނެ ކަމެއް ކަމަށެވެ.

"ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންގެ އަޑު އެއްސެވުމަށް އެޗްޑީސީ އާ ސަރުކާރުގަ އެދެން،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު "ސަން"އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަދު ކަމެއް ފިޔަވާ ގިނަ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށެވެ.

ނަމަވެސް މުއިއްޒު އިތުރަށް ވިދާޅުވީ އެޗްޑީސީއަކީ ސަރުކާރުގެ ސަތޭކަ ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާ އިރު ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރުމުން އަންނައިރު ސަރުކާރުން އެކަމަށް ކަނު ލޮލެއް ދިނުމަކީ ހިތާމަ ކުރައްވާ ކަމަށެވެ.

comment ކޮމެންޓް