މޫސުން އިތުރަށް ގޯސްވެދާނެތީ އުތުރާއި މެދުރާއްޖެ ތެރެއަށް އެޮރެންޖް އެލާޓް ނެރެފި

ވިއްސާރަވެ ކަނޑުގަދަވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލާޓްއެއް ނެރެފިއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މެޓުން ނެރުނު އެލާޓްގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމަޔަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވެ، އުދަ އަރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ގަޑިޔަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެދާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓުން މި އެލާޓް ނެރެފައިވަނީ މިއަދުގެ 17:00 އިން 21:00 އާ ހަމަޔަށެވެ. މޫސުން ގޯސްވެދާނޭކަމަށް ބަލައި ރާއްޖޭގެ އުތުރުން ފެށިގެން ތ. އަތޮޅާއި ހަމަޔަށް ރީނދޫ އެލާޓްއެއްވެސް މެޓުން ވަނީ މިއަދު ހެނދުނު ނެރެފައެވެ.

އޮރެންޖް އެލާޓަކީ މެޓުން ނެރޭ މޫސުމީ އެލާޓްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތި އެލާޓްއެވެ. މިއީ މެޓް އޮފީހުން މިއަހަރުތެރޭ ނެރުނު ދެވަނަ އޮރެންޖް އެލާޓެވެ.

މިހާރު ކުރަމުންދާ ވިއްސާރައާ ހެދި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އެމްއެންޑީއެފް އިން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް