ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 43 މީހަކު މަރުވެއްޖެ

އަލިފާން ރޯވި ބަންގްލަދޭޝްގެ ނަރަޔަންގަޖް ޑިސްޓްރިކްޓްގެ އިންޑަސްޓްރިއަލް ޓައުނެއް ކަމަށްވާ ރުޕްގަންޖުގައި ހުރި ފުޑް ޕްރޮސެސިން ފެކްޓްރީ -- ފޮޓޯ: އަލްޖަޒީރާ

ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ 43 މީހަކު މަރުވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާގައި ފެކްޓްރީގައި އަލިފާން ރޯވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. އަލިފާން ރޯވީ ބަންގްލަދޭޝްގެ ނަރަޔަންގަޖް ޑިސްޓްރިކްޓްގެ އިންޑަސްޓްރިއަލް ޓައުނެއް ކަމަށްވާ ރުޕްގަންޖުގައި ހުރި ފުޑް ޕްރޮސެސިން ފެކްޓްރީއެއްގައެވެ.

ފެކްޓްރީގައި އަލިފާނުގެ ހާދިސާ ހިނގިތާ 24 ގަޑިއަރަށްވުރެ ގިނައިރު ވެފައިވާއިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭގޮތްވަނީ ނުވެފައެވެ.

ރޯވެ އަނދަމުންދާ ފެކްޓްރީގެ ތެރޭ ތާށިވެފައި ތިބި މީހުންގެ އަދަދެއް އަދި ހޯދިފައެއްނުވާއިރު ފެކްޓްރީގައި މަސައްކަތް ކުރާ މީހުންގެ އާއިލާގެ މީހުން ދަނީ އެ ސަރަހައްދަށް ޖަމާވަމުންނެވެ. އަދި ފެކްޓްރީތަކުގައި މަސައްކަތްކުރާ އެ އާއިލާތަކަށް ނިސްބަތްވާ މީހުން އެ ތަނުގައި ތާށިވެ ސަލާމަތް ނުވެދާނެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.

"އަލިފާންގަނޑު ކޮންޓްރޯލްވުމާއެކު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެކްޓްރީގައި ކުރިޔަށް ގެންދާނަން. އޭރުން އިތުރު އަނިޔާއެއް ލިބިފައިވާ މީހަކު ހުރިތޯ ޔަގީންކުރެވޭނެ" ބަންގަލްދޭޝް ފަޔަރ ސާވިސްގެ ތަރުޖަމާނު ދެބަޝިޝް ބަރްދަން ވިދާޅުވިއެވެ.

އެ އަލިފާން ރޯވި ވަގުތު ފެކްޓްރީ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ތިބިކަމަށް މި ހާދިސާގައި ސަލާމަތްވި މީހަކު ވަނީ ބުނެފައެވެ.

އަލިފާން ރޯވުމުގެ ހާދިސާތަކަކީ ބަންގްލަދޭޝްގައި އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން 2019 ވަނަ އަހަރު ދާކާގެ އެޕާޓްމެންޓް ބްލޮކްތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 70 މީހުންވަނީ މަރުވެފައެވެ. އަދި މިއީ ރައްކާތެރިކަމުގެ ގަވައިދުތައް ތަންފީޒުކުރުމުގައިވާ އިހުމާލު ބޮޑުވުމުގެ ސަބަބުން ހިނގާ ކަންކަން ގޮތުގައި ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް