މެލޭޝިއާގެ އެންމެ ބޮޑު ޕާޓީން ބޮޑުވަޒީރަށް ކުރި ތާއިދު އަނބުރާ ގެންގޮސްފި

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން -- ފޮޓޯ: ރޮއިޓާސް

ކުއަލަލަމްޕޫރު (ޖުލައި 8): މެލޭޝިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ)އިން ބޮޑުވަޒީރު މުހިއްޔުއްދީން ޔާސިންއަށް ކުރި ތާއިދު އަނބުރާ ގެންގޮސް، އޭނާގެ އިސްތިއުފާއަށް ގޮވާލައިފި އެވެ.

އުމްނޯގެ ރައީސް ޒާހިދު ހަމީދީ ވިދާޅުވި ގޮތުގައި އެ ޕާޓީން މުހިއްޔުއްދީންއަށް ކުރި ތާއީދު އަނބުރާ ގެންދަން ނިންމީ ކޮވިޑް ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ނުކުޅެދިފައި ވާތީ އެވެ. އަދި އެ ސަރުކާރުން މެލޭޝިއާގެ ކުއްލި ނުރައްކަލުގެ ހާލަތު ސިޔާސީ ފައިދާއަށް ބޭނުން ކުރި ކަމަށާއި ގައުމުގެ ޕާލިމެންޓަރީ ޑިމޮކްރަސީ ދިފާއު ކުރުމުގައި ފެއިލްވެފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ކުރު މުއްދަތަކަށް، އާ ބޮޑުވަޒީރަކަށް ޖާގަ ދިނުމަށް މުހިއްޔުއްދީން ޔާސިން އިސްތިއުފާ ދެއްވަން އުމްނޯ އިން ގޮވާލަން،" އަހުމަދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މުހިއްޔުދިން އިސްވީ އޭގެ ކުރިން ވެރިކަމުގައި ހުންނެވި މަހާތިރު މުހައްމަދު އެ މަގާމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ދެހާސް އަށާރަވަނަ އަހަރު މަހާތީރު ވެރިކަމަށް ވަޑައިގެންނެވީ 1981 އިން 2003 އަށް އޭނާ ބޮޑުވަޒީރުކަން ކުރެއްވި އިރު، ނައިބުކަން ކުރެއްވި އަންވަރު އިބްރާހިމްގެ ކޯލިޝަނުގައި ހުންނަވައިގެންނެވެ. އަދި ވެރިކަމުގެ ދައުރު ނުނިމެނީސް އަންވަރާ ވެރިކަން ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ކޯލިޝަނުގައި ތިބި މެމްބަރުންތަކެއް އަންވަރު ވެރިކަމަށް ނުގެނެސް، އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އުމްނޯއާ އެކު އާ ކޯލިޝަނެއް ހެދުމާ ބެހޭ ގޮތުން މަޝްވަރާތައް ބޭއްވި އެވެ. އަދި އޭގެ ފަހުން މަހާތިރު އިސްތިއުފާ ދެއްވި އެވެ.

މަހާތިރު އިސްތިއުފާ ދެއްވި ފަހުން، އޭނާގެ ޕާޓީގައި ހުންނެވި މުހިއްޔުއްދީން އުމްނޯއާ އެކު ކޯލިޝަން ހައްދަވާ، ސަރުކާރެއް އެކުލަވާލެއްވީ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު އެ ޕާޓީން ވަނީ މަހާތިރު ޕާޓީން ވަކިކޮށްފަ އެވެ.

ސިޔާސީ އެނެލިސްޓުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރި ގޮތުގައި އުމްނޯއިން މުހިއްޔުއްދީންއަށް ތާއިދު ކުރުން ހުއްޓާލި ނަމަވެސް އެހެން ބަޔަކަށް ސަރުކާރެއް އުފެއްދޭ ވަރަށް ތާއިދު ހޯދޭނެ ކަމަށް ނުބެލެވޭތީ، މިހާރު އޮތް ސަރުކާރު ރޫޅި ދާނެ ކަމަށް ނުބެލެވެ އެވެ. އަދި އުމްނޯއިން މީގެ ކުރިން ވަނީ އިދިކޮޅު ލީޑަރު އަންވަރަށް ތާއިދު ނުކުރާނެ ކަމަށް ބުނެފަ އެވެ.

މެލޭޝިއާގައި ކޮވިޑް-19އިގެ ކޭސްތައް އިތުރުވުމުގެ ސަބަބުން މިދިޔަ މަހުގެ އެކެއްގައި އެގައުމު ފުރަބަންދު ކުރި އެވެ. އޭގެ ފަހުން ބައެއް ސަރަހައްދުތަކުގައި ފިޔަވަޅުތައް ލުއި ކުރި ނަމަވެސް ވެރިރަށް ކުއަލަލަމްޕޫރާއި އެގައުމުގެ އެންމެ މުއްސަނދި ސްޓޭޓު ކަމަށްވާ ސެލަންގޯގައި ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގައުމުން މިހާތަނަށް 800،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 5,768 މީހަކު މަރުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް