ފުރަމޭގެ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ކާނާ

މޭވާއާއި ތަރުކާރީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހަށިގަނޑުގެ ފުރަމޭ (ލިވާ)އަކީ މުހިންމު ދައުރެއް އަދާކުރާ އެތެރެހަށީގެ ގުނަވަނެކެވެ. އެހެންކަމުން މި ގުނަވަނުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ފައިދާހުރި ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފުރަމޭގެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ބައިލް އުފެއްދުން ހިމެނެއެވެ. ބައިލްއަކީ ހަށިގަނޑުގެ ފެޓް ޑައިޖެޝަންގެ މަސައްކަތުގައި ބޭނުންވާ އެއްޗެކެވެ. ހަމައެއާއެކު ހަށިގަނޑުގައި ވިޓަމީންސް މިނެރަލްސް އަދި ކާބޯހައިޑްރޭޓްސް ރައްކާކޮށްފައި ބެހެއްޓުމަކީވެސް ފުރަމޭގެ މަސައްކަތެކެވެ.

އާންމު ގޮތެއްގައި ފުރަމޭގެ ދުޅަހެޔޮކަން ގެއްލެން މެދުވެރިވަނީ ތިމާ ގެންގުޅޭ ނޭދެވޭ އާދަތަކެއްގެ ސަބަބުންނެވެ. އެގޮތުން ރަލުގެ ބާވަތްތައް ބޭނުން ކުރުމާއި ހަށިގަނޑު މާ ބޮޑަށް ފަލަވުމަކީ (އޮބޭސިޓީ ހުރުމަކީ) ފުރަމޭ ހަލާކުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. އެހެންކަމުން ފުރަމޭގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ފައިދާހުރި ކާނާ ކައި ގޯސް އާދަތަކުން ދުރުވުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ފުރަމޭގެ ދުޅަހެޔޮކަމަށް ކެވިދާނެ މުހިންމު ކާނާތަކުގެ ތެރޭގައި ގްރޭޕްފްރުޓް ހިމެނެއެވެ. ގްރޭޕްފްރުޓަކީ ގިނަ އަދަދެއްގެ އެންޓި އޮކްސިޑަންޓްސް ހިމެނޭ އެއްޗެކެވެ. އަދި ފުރަމޭ ރައްކާތެރިކޮށްދީ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެކެވެ.

ބްލޫބެރީޒްއާއި ކްރޭންބެރީޒްއަކީވެސް ފުރަމޭގެ ދުޅަހެޔޮކަމަށް ކެވިދާނެ ދެ މޭވާއެވެ. ބެރީޒްގެ އައިލާއަށް ނިސްބަތްވާ މި ދެ މޭވާއަކީވެސް އެންޓިއޮކްސިޑެންޓްސް އެކުލެވޭ މޭވާއެވެ. އެހެންކަމުން ފުރަމޭގެ އިމިއުން ރެސްޕޮންސް ރަނގަޅުކޮށްދީ ފުރަމޭގެ ފައިދާއަށް މަސައްކަތް ކޮށްދެއެވެ، ބެރީޒްއިން ފުރަމެއަށް ލިބޭ ފައިދާތަކާމެދު އިތުރު ދިރާސާތައް އަންނަނީ ކުރެވެމުންނެވެ.

ކޮފީއާއި ކަޅުސަޔަކީ އާންމުގޮތެއްގައި ކޮންމެ ދުވަހަކުވެސް މީހުން ބޮއެ އުޅޭ ދެ އެއްޗެވެ. އެގޮތުން އެދެވޭ މިންވަރަކަށް ގްރީންޓީ ބުއިމަކީ ފުރަމޭގެ އެންޒައިމް ލެވެލް ރަނގަޅުކޮށްދީ ފުރަމޭގައި ފެޓްސް ޑިޕޮސިޓްވުން މަދުކޮށްދޭ ކަމެކެވެ. ހަމައެއާއެކު ކޮފީބުއިމަކީ ފުރަމޭގެ ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ބުއިން ގޮތުގައި ފާހަގަވެއެވެ. އެގޮތުން ފުރަމޭގެ އާންމު ކެންސަރުތަކުން ރައްކާތެރިކޮށްދިނުމުގައި ކޮފީގެ ދައުރެއް ހިމެނެއެވެ.

ފުރަމޭގެ ދުޅަހެޔޮކަމަށް ކެވޭނެ އިތުރު ކާނާގެ ތެރޭ ގްރޭޕްސްއާއި ޕްރިކްލީ ޕިއާ އަދި ބީޓްރޫޓް ޖޫސްގެ އިތުރުން ނަޓްސްގެ ބާވަތްތައް ހިމެނެއެވެ.

ދުޅަހެޔޮ ސިއްހަތަކަށް ދުޅަހެޔޮ އާދަތަކެއް ގެންގުޅުން މުހިންމެވެ.

comment ކޮމެންޓް