ޔޫރޯ 2020: ހިތްވަރުގަދަ ޑެންމާކަށް ހިތްދަތި ނިމުމެއް، އިންގްލަންޑް ފައިނަލަށް

ޑެންމާކު ބަލިކުރުމަށްފަހު އިންގްލޭންޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ// ލައިވްސްކޯ

ޔޫއެފާ ޔޫރޯ 2020ގެ ސެމީ ފައިނަލުގެ އިތުރު ވަގުތު ލިބުނު ޕެނަލްޓީން ލަނޑު ޖަހައި އިނގިރޭސިވިލާތް ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އިންގްލެންޑުން އެންމެ ފަހުން ފައިނަލު ކުޅުނު 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ތަށި އެގައުމުން ވަނީ އުފުލާލައިފަ އެވެ.

މިދިޔަ ވޯލްޑްކަޕުގެ ސެމީފައިނަލުން ކެޓި އިންގްލޭންޑް އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ. ވެމްބްލީ ސްޓޭޑިއަމުގައި އެ މެޗު ކުޅޭ އިރު މީގެ ބައިގަރުނު ކުރިން ވޯލްޑްކަޕް އިންގްލޭންޑުން އުފުލާލި އިރު އެ މެޗު ވެސް ކުޅުނީ ވެމްބްލީގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އެ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޑެންމާކުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިކެލް ޑޭމްސްގާޑެވެ. އެ ލަނޑަކީ މިފަހަރުގެ މުބާރާތުގައި ޑައިރެކްޓް ފުރީ ކިކަކުން ޖެހި ފުރަތަމަ ލަނޑެވެ.

އެކަމަކު އޭގެ ނުވަ މިނެޓު ފަހުން އިންގްލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ މިފަހަރުގެ ޔޫރޯގައި ވަން 11 ވަނަ ބައި ގޯލެވެ. މީގެ ކުރިން ހުރިހާ ޔޫރޯއެއް އެއްކޮށްލައިގެން ވެސް ވަދެފައި ވަނީ ނުވަ ބައި ގޯލެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކެޕްޓަން ހެރީ ކޭން ވަނީ އިންގުލެންޑަށް ލަނޑު ޖަހައި ދީފަ އެވެ. އެއީ އިންގުލެންޑަށް ލިބުނީ ޕެނަލްޓީއެއްގެ ފައިދާ ނަގައި ޖެހި ގޯލެއް ނަމަވެސް ވީޑިއޯތަކުން ފެންނަ ގޮތުގައި ސްޓާލިންއަށް ޑެންމާކުގެ އޭރިއާގެ ތެރެއިން ފައުލުކުރުމުން ކަމަށް ރެފްރީ އެންގި ނަމަވެސް ސްޓާލިންގް ވެއްޓުނީ މީހެއްގެ ފައިގައި ނުޖެހި އެވެ.

އެހެން ނަމަވެސް ރެފްރީ ދިން ޕެނަލްޓީ ކޭން ފޮނުވާލުމުން ޑެންމާކުގެ ކީޕަރު ކެސްޕާ ޝުމައިކަލް އެ ބޯޅަ ދިފާއު ކުރި އެވެ. އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސަށް ނުކުތުމުން ކޭން ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ކޭންގެ މިގޯލާ އެކު އޭނާ ވަނީ އިނގިރޭސި ރެކޯޑަކާ ހަމަކޮށްފަ އެވެ. ބޮޑު މުބާރާތްތަކުގައި އެންމެ ގިނަ ގޯލު މީގެ ކުރިން ޖަހާފައިވަނީ 1990 ގެ އަހަރުތަކުގެ ކުޅުނު ގެރީ ލައިނެކާ އެވެ. އޭނާ ވަނީ ޔޫރޯއާއި ވޯލްޑްކަޕުގައި 10 ގޯލު ޖަހައިފަ އެވެ. ކޭން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ހަ ގޯލު ޖަހައި މިފަހަރުގެ ޔޫރޯގައި ހަތަރު ގޯލު މިހާތަނަށް ޖަހައިފަ އެވެ.

comment ކޮމެންޓް