"މަބްރޫކްބޭއެވެ. ކޮއްކޮ ސަލާމަތްވީ ހަމަ ކިރިޔާއެވެ."

ކުޑަ ދެ ކުދިން އަތިރިމަތީގައި ކުޅެ ސަކަރާތް ޖެހުމުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮއްކޮގެ މަބްރޫކުބެއަށް ސަލާމަށްފަހު ލިޔަމެވެ.

މަބްރޫކްބެ ބުދަ ދުވަހު ޓީވީގައި ދެއްކެވި ވާހަކަތައް އަޅުގަނޑުވެސް ބަލަން ހުރީމެވެ. ފީފާ20 ކުޅެން ހުއްޓާ މަންމި އައިސް ޕީއެސް ނިއްވާލީމައެވެ. މަންމިއާއި ބައްޕިވެސް ތިބީ ނަޒްލާ ދައްތައާއި މައިމޫނާއްތަ ބުނުއްވައިގެން ވެކްސިން ދެޑޯޒް ޖަހައިގެންނެވެ. ފުރަތަމަ ޑޯޒު ޖެހި ދުވަހު ތެމިފައި ހުރީމާ ބައްޕި މޫދަށް ދިޔައިތޯ އަޅުގަނޑު އެހުމުން ބުނީ އެއީ ދާހިއްލާ ފޯވެފައި ހުރީ ކަމަށެވެ. މަންމިއާއި ބައްޕި ދެ ވެކްސިން ޑޯޒު ޖެހިއަސް ޝަކުވާގެ އަޑު އަބަދު އިވެއެވެ. ސްކޫލު ޗުއްޓީ އައި އިރުވެސް މަޖާކޮށްލަން ރަށަކަށް ދާން ލުޔެއް ނުލިބުމުންނެވެ. އެހެންވީމާ މަންމި މާ ވަރަކުން ޕްރެސް ބަލަން އުޅުނީ ލުޔެއް ދޭކަމުގެ ހަބަރު އިވިގެންކަން އަޅުގަނޑަށް އެނގުނެވެ.

ޕްރެސް ބަލަން ހުއްޓާ މަބްރޫކްބެ ދެން ކިޔަން ފެށީ ބުރާސްފަތި ދުވަހު ދޭ ލުއިތަކުގެ ވާހަކައެވެ. އެ ވާހަކަ ކިޔަމުން ގޮސް ދަތުރުކުރުމުގެ ލުއިގެ ވާހަކަ މަބްރޫކްބެ ކިޔަން ފެށުމުން މަންމި ޓީވީގެ އަޑު ބާރުކޮށްލިއެވެ. އަޅުގަނޑުވެސް ކަންފަތް ދިއްކޮށްލީމެވެ.

ނޫސްވެރިންގެ ބައްދަލުވުމއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް --- ފޮޓޯ/ އެންއޯއީސީ

މަބްރޫކްބެ އޭރު ބުނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށްފަހު 14 ދުވަސް ވީމާ ކަރަންޓީނާ ނުލާ ދަތުރުކުރެވޭ ގޮތަށް ކަންކަން ބަދަލުކުރި ވާހަކައެވެ. މަންމި ވަރަށް އުފާވެ ހުރެ, އަވަހަށް ބައްޕިއަށް ގުޅައިގެން ދަތުރު ރާވަން ފެށިއެވެ. އެކަމަކު އަޅުގަނޑު ހުންނަންޖެހުނީ ހާސްކަމެއްގެ ތެރޭގައެވެ. އެއީ އަޅުގަނޑަށް 18 އަހަރު ނުފުރޭތީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖެހޭތީއެވެ.

ބައްޕިވެސް އޮފީސް ނިންމާފައި ގެއަށް އައިސް, އަންނަ ހަފްތާގައި ދަތުރުދާން ރެޑީވުމަށް އެންގިއެވެ. ދެން އަޅުގަނޑު ބުނީ މިހެންނެވެ, 'މަންމިއާއި ބައްޕި ފުރާށެވެ. ކޮއްކޮއަށް ދަތުރު ނުކުރެވޭ ނޫންތޯއެވެ. އެހެންވީމާ އަޅުގަނޑު މަޑުކުރާނީއެވެ. ނޫނީ މަބްރޫކްބެމެން ކައިރީގައި ހުންނަން މަބްރޫކްބެމެން ގެއަށް ދާނީއެވެ'.

ރޭގަނޑުވީމާ ކިޔަވައި, ކައިގެން ނިދާ ހެދުން ލައިގެން ނިދަން އޮށޯންނަން އުޅެނިކޮށް އަނެއްކާވެސް މަންމި އައިސް ހަބަރު ދިނެވެ. މިފަހަރު ބުނީ އަޅުގަނޑު ހާސްވާންވީ ސަބަބެއް ނެތްކަމަށެވެ. އަޅުގަނޑުވެސް ކޮވިޑް ޓެސްޓު ހަދާ ނެގެޓިވް ވީމާ ކަރަންޓީނު ނުވާގޮތަށް ދަތުރުކުރެވޭނެކަމަށް މަބްރޫކުބެއާއި މައިމޫނާއްތަމެން ނިންމައިފި ކަމަށެވެ.

https://sun.mv/154030

ވަރަށް އުފާވެއްޖެއެވެ. 2020 ވަނަ އަހަރު ފެށުނީއްސުރެ އަޅުގަނޑުމެން މިތިބީ ގޭތެރޭގައި ބަންދުވެފައެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ބޭރަށް ނުކުމެވުނީ ވަރަށް މަދުންނެވެ. އަޅުގަނޑުމެންނަށް ވެކްސިން ނުޖެހޭތީ މަންމިމެން އަޅުގަނޑުމެން މާ ގިނައިން ބޭރަށް ނުގެންދެއެވެ. އެކަމަކު މިހާރު ބަލި ޖެހޭ މީހުން މާލޭގައި މަދުކަމަށް މަންމިއާއި ބައްޕި ބުނެއެވެ. ބޭރަށް ނުކުތުންވެސް އޯކޭ ދެއްތޯއެވެ. ކަރަންޓީނުގައި ބަންދުވެފައި ދުވަސްތަކެއް ހޭދަނުކޮށް އަޅުގަނޑަށްވެސް މާލެއިން ބޭރަށް ގޮސް މަޖާކޮށްލާނެ ފުރުސަތު މި ލިބުނީއެވެ.

މަބްރޫކްބެ އަށް ވަރަށްބޮޑަށް ޝުކުރިއްޔާއެވެ. ކޮއްކޮ ސަލާމަތްވީ ހަމަ ކިރިޔާއެވެ. ވަރަށް އުފާވެއްޖެއެވެ."

comment ކޮމެންޓް