ވެކްސިން ފުރިހަމަކުރުމުން ދަތުރުކުރުމަށް ލުއިތަކެއް އިއުލާނުކޮށްފި

ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށްފަހު 14 ދުވަސް ހަމަވުމުން ކަރަންޓީނާ ނުލާ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭއިން އުސޫލު ބަދަލުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރަންސެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވި ގޮތުގައި ދެ ޑޯޒު ވެކްސިން ޖަހާފައި 14 ދުވަސް ވުމަށްފަހު މޮނީޓަރިންގައި ނެތް ރަށްރަށަށް ނެގަޓިވް ޕީސީއާރު ޓެސްޓަކާއެކު ދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ރަށްރަށަށް ދިއުމަށް ކަރަންޓީނު ވާން ނުޖެހޭނެކަމަށެވެ. އަދި އެކަމަށް އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން މިހާރު މާލޭގެ ހާލަތު އޮތް ގޮތައް ފަސް ޕަސެންޓަށް ވުރެ ދަށުގައި ޕޮޒިޓިވިޓީ ރޭޓް ހުންނަ ނަަމަ، އެ ދުވަސްވަރެއްގައި ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކީގައި މާލެއިން ރަށްރަށަށް ކަރަންޓީނަކާ ނުލައި ދެވޭނެ ކަަމަށް ވިދާޅުވިއެވެ. އެ ފަރާތްތަކަކީވެސް ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.

އެހެންނަމަވެސް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓާ 10 ޕަސެންޓާ ދޭތެރޭގައި ހުންނަ ކަމުގައި ވާނަމަ މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ހަތް ދުވަހަށްފަހު ރިލީޒް ސާމްޕަލް އެއް ނަގަންޖެހެއެވެ.

އޭގެ އިތުރުން 10 ޕަސެންޓަށްވުރެ މަތީގައި ޕޮޒިޓިވިޓީ ޕަސެންޓު ހުރި ނަމަ، ހަމަ މިހާރެކޭވެސް އެއްފަދައިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެއަށްފަހު ރިލީޒް ސާމްޕަލް ނަގަންޖެހޭނެ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކުރުކޮށް ދަންނަވާނަމަ، މިވަގުތު މާލެއިން މީހުން ދިރިއުޅޭ މޮނީޓަރިންގެ ހުރި ރަށްތައް ފިޔަވާ ދެންހުރި ރަށްރަށަށް ވަޑައިގަތުމުގަ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން ވަޑައިގެންނެވޭނެ. ކަރަންޓީނުވާކަށް ނުޖެހޭނެ ދެ ޑޯޒް ވެކްސިން ޖަހައި 14 ދުވަސް ވެފައި ތިބި ބޭފުޅުންނެއް،" މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ލުއި ދީފައިވާއިރު، ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ރިސޯޓު މުވައްޒަފުންވެސް ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތަށް މިއަދު ސަރުކާރުން ވަނީ ލުއި ދީފައެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު މާދަމާ އިން ފެށިގެން އުވާލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް