ޓެލްއަވީވް (ޖުލައި 6): އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުންނާއި ޔަހޫދީންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ދުވަހެއް ދުވަހަކަށް އިތުރުވުމާ ގުޅިގެން އިސްރާއީލުގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވަމުންދާކަމަށް އެގައުމުގެ ނޫސްތަކުން ބުނެފިއެވެ.
އިސްރާއީލުގެ "ހާޓްސް" ނޫސް ބުނިގޮތުގައި މިދިޔަ މޭމަހު އިސްރާއީލުން ފަލަސްތީނުގެ ޣާއްޒާއާ ދެކޮޅަށް ހިންގި އުދުވާނާ ގުޅިގެން އިސްރާއީލުގެ އަރަބިން (ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު ރައްޔިތުން)ނާ އިސްރާއީލުގެ ޔަހޫދީންނާ ދެމެދު ފެށުނު ހަމަނުޖެހުންތައް މިހާރު ވަނީ އިތުރަށް ހޫނުވެ، ދާހިލީ ހަނގުރާމައެއްގެ ބިރު އުފެދިފައެވެ.
އިއްޔެ އިސްރާއީލުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލުގެ ޔަހޫދީ އަކުވަނީ ފިސްތޯލައެއް ޖަހައި ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލުގެ ރައްޔިތަކު މަރާލާފައެވެ. މިކަމުގެ ސަބަބުންވެސް ހަމަނުޖެހުންތައް އިތުރުވުމަށް މަގިފަހިވާ ކަމަށް އިސްރާއީލުގެ އެހެން ނޫހެއްކަމަށްވާ "މައާރީފް" ބުނެއެވެ.
މޭ މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގި އުދުވާނަށް ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގެ އަރަބިން (ފަލަސްތީނު ދަރިކޮޅުގެ) އިސްރާއީލުގެ މަގުތަކަށް ނުކުމެ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމުން، އިސްރާއީލުގެ ޔަހޫދީންވަނީ އަރަބި ދަރިކޮޅުގެ މީހުންނަށް ހަމަލާދީ އިސްރާއީލުގެ އުދުވާނަށް ތާއީދުކޮށްފައެވެ. އަދި ޔަހޫދީން ވަނީ އިސްރާއީލުގެ ބައިމަދު އަރަބި ދަރިކޮޅުގެ މީހުންގެ ގެދޮރަށާއި ވިޔަފާރިތަކަށް ގެއްލުންދީ ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.
މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމާއި އަރަބި ދަރިކޮޅުގެ މީހުންނަށް އިންސާފު ހޯދައި ދިނުމުގައި އިސްރާއީލުގެ ސަރުކާރު ވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަކީ 1948ގައި ފަލަސްތީނުގެ ބިމުގެ ބޮޑު ބައެއްގައި އިސްރާއީލު އުފެއްދިއިރު އެ ސަރަހައްދުގައި ފައްސާނުލެވި ނޫނީ ރެފިއުޖީންގެ ގޮތުގައި ބޭރުކޮށްނުލެވި ތިބި ފަލަސްތީނު މީހުންނެވެ. އެމީހުންވަނީ ފަހުން އިސްރާއީލުގެ ރައްޔިތުންނަށް ވެފައެވެ. ނަމަވެސް އެއީ ބައިމަދު ބަޔަކަށްވާތީ އިސްރާއީލު ގެންދަނީ އެމީހުންނާމެދު ތަފާތުކުރުން ގެންގުޅެ އަނިޔާވެރިވަމުންނެވެ.
އިސްރާއީލުގެ އާބާދީ ހަތް މިލިޔަނުގައި އުޅޭއިރު އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުންގެ އާބާދީ އަކީ ގާތްގަނޑަކަށް ދެ މިލިޔަން މީހުންނެވެ.