މޮރީނިއޯ އެންމެ ފަހުން ޝޯއަށް ތައުރީފުގެ ބަސްތައް އަމުނާލައިފި

މޮރީނިއޯ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އިރު ލޫކް ޝޯއާ އެކު --- ފޮޓޯ// ސަކައި ސްޕޯޓްސް

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިވުމަށްފަހު ހޯސޭ މޮރީނިއޯ ފަހަކަށް އައިސް ލޫކް ޝޯގެ ކުޅުމަށް ފާޑު ކިޔުމުން ހޫނު ފެނަށް ވެއްޓިފައިވަނިކޮށް ޔޫރޯގައި ޝޯ ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމަށް ތައުރީފު ކޮށްފި އެވެ.

ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކަށް ކޯޗުކަން ކޮށްދިން މޮރީނިއޯ މިއަހަރު ކުރީކޮޅު ޓޮޓެންހަމުގެ ކޯޗުކަމުން ވަކިކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ވަނީ އިޓަލީގެ ރޯމާގެ ކޯޗުކަމާ ހަވާލުވެފަ އެވެ. މީގެ ކުރިން ވެސް ވަކި ވަކި ކުޅުންތެރިންނަށް ފާޑިކިޔައި، ކުލަބުތަކުގެ ނުރުހުން އަމާޒުވެފައިވާ މޮރީނިއޯގެ އެންމެ ހާއްސަ ކަމަކީ އަބަދުވެސް އޭނާގެ ނަން ނޫސްތަކުގެ ބޮޑު ސުރުހީއަށް އެރުމެވެ.

އެގޮތުން މިފަހުން އޭނާ ކުރިން ކޯޗުކަންކޮށްދިން ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯއަށް އަމާޒުކޮށްގެން ދިން ރައްދުތަކާ އެކު ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ޝޯގެ ފްރީކިކްތަކަށް ފާޑުކިޔައި، ޔޫރޯގައި އިނގިރޭސިވިލާތުގެ ފުރަތަމަ އެގާރައި އޭނާއަށް ޖާގަ ހައްގު ނޫންކަމަށް ބުނެ މޮރީނިއޯ ވަނީ ވާހަކަ ދައްކައިފަ އެވެ.

މޮރީނިއޯގެ ވާހަކަތަކަށް ޝޯ ރައްދު ދިނީ އޭނާ ޔޫރޯގައި ދައްކަމުން އައި މޮޅު ކުޅުމުންނެވެ. ކުއާޓާ ފައިނަލުގައި ވެސް މުހިއްމު ދެ އެސިސްޓް ހެދި ޝޯ ޔޫރޯގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު އޭނާ ބުނީ މޮރީނިއޯގެ ބޮލުން އޭނަގެ ނަން ނުގޮސްގެން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މޮރީނިއޯ އަކީ އޭނާގެ ކުރީގެ ކޯޗު ކަމަށާއި، މޮރީނިއޯގެ ބަސްތަކުން މިހާރު އަސަރެއް ނުކުރާ ކަމަށް ޝޯ ވަނީ ބުނެފަ އެވެ.

ޝޯގެ މިވާހަކަތަކުގެ ސަބަބުން މޮރީނިއޯއަށް އިތުރަށް ފާޑުކިޔުންތައް އަމާޒުވެފައި އޮއްވާ އޭނާ ވަނީ ކޮޅު ބަދަލުކޮށް ޝޯއަށް ތައުރީފް ކޮށްފަ އެވެ. މޮރީނިއޯ އިއްޔެ ބުނީ ޝޯއަށް ބަދުބަސްތަކެއް ބުނަން ބޭނުން ނުވާ ކަމަށާއި، ޔޫރޯގައި އޭނާ ދައްކަމުން އެދަނީ އާދަޔާ ޙިލާފު މޮޅު ކުޅުމެއް ކަމަށެވެ.

"ޖަރުމަނު މެޗުގައި ތިން ޑިފެންޑަރުން ލައިގެން ކުޅުނު ކުޅުން ޑެންމާކު މެޗުގައި ފެނިދާނެބާއޭ ސުވާލު އުފެދޭ. އިނގިރޭސި ހަތަރު ޑިފެންޑަރުންގެ ކުޅުން ވަރަށް ވަރުގަދަ. ހާއްސަކޮށް ލޫކް ޝޯގެ ކުޅުން އަންނަނީ ދުވަހަކަށް ވުރެން ދުވަހެއް ރަނގަޅުވަމުން،" މޮރީނިއޯ ބުންޏެވެ.

އިނގިރޭސިވިލާތް ޔޫރޯގެ ސެމީ ފައިނަލުގައި ޑެންމާކާއި ވާދަކުރާ އިރު، އަނެއް ކޮޅުން ސެމީގައި ވާދަކުރާނީ އިޓަލީއާއި ސްޕެއިނެވެ.

comment ކޮމެންޓް