ޑރ. އިޔާޒު އެމްއެންޔޫއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅުއްވަނީ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި އަދާކުރައްވަމުން ގެންދެވި އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅުއްވަން ނިންމަވައިފި އެވެ.

ޑރ. އިޔާޒް ވަނީ "ސަން" އަށް މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ.

ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންނާއި ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިއުމުން ކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީޕް ކުރިން "ސަން"އަށް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭގޮތުން ޑރ. އިޔާޒު "ސަން"އަށް ވިދާޅުވީ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅުއްވަން ތައްޔާރުވަމުން ގެންދަވާ ކަމަށެވެ.

"އިންޝާﷲ މާދަމާ ނުވަތަ އޭގެ އަނެއް ދުވަހު ހުށަހަޅާނަން. މިހާރު ޕޭޕާ މަސައްކަތްތައް ކުރިއަށްދަނީ." ޑރ. އިޔާޒު ވިދާޅުވި އެވެ.

ޑރ އިޔާޒު ވަޒީފާއިން ވަކިކުރިއިރު، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާ ގުޅިގެން މީގެ ކުރިން ޑރ. އިޔާޒް ވަޒީފާއިން ސަސްޕެންޑުވެސް ކޮށްފައިވެ އެވެ.

ޑރ. އިޔާޒު ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވަނީ ސަސްޕެންޑު ކުރުމާ ގުޅޭ މައްސަލައެއްވެސް ޓްރައިބިއުނަލްއަށް ހުށަހަޅުއްވާފައިވަނިކޮށް ކަމަށެވެ.

"ސަސްޕެންޝަން އުވާލަމުން ދިނީ ފަހުގެ އިންޒާރު. އެއް ކުށަކަށް ދެ އަދަބު. މި ދައުވާވެސް ވާނެ ޓްރައިބިއުނަލްގައި. އެ މައްސަލައިގެ ގޮތެއް އަދިވެސް ނިންމާފައެއް ނުވޭ. ޖޫން 17ގެ ކުރިން ޖަވާބު ފޮނުވުމަށް އެމްއެންޔޫއަށް އަންގަވާފައިވަނީ. އެފަހުން ޝަރީއަތެއް ނުބާއްވާ،" ޑރ. އިޔާޒު ވިދާޅުވި އެވެ.

ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އާންމުން ކުރާ ދީނީ ސުވާލުތަކަށް ޖަވާބުދެއްވާ ބޭފުޅެކެވެ.

comment ކޮމެންޓް