އެސްޓްރާޒެނެކާގެ ޑޯޒެއް ޖަހާފައިވާ މީހުން ދެވަނަ ޑޯޒަކަށް ފައިޒާ ޖަހަން ޖަރުމަނުން ލަފާދީފި

ޖަރުމަނުން ވަނީ ދެބާވަތުގެ ވެކްސިން ޖަހަން ލަފާ ދީފަ -- ފޮޓޯ: އޭޕީ

ބާލިން (ޖުލައި 3): ކޮވިޑް-19 ވެކްސިނަކަށް ފުރަތަމަ އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒެއް ޖެހި މީހުން، ދެވަނަ ޑޯޒް ޖެހުމަށް ފައިޒާ ނުވަތަ މޮޑާނާގެ ވެކްސިން ބޭނުން ކުރުމަށް ޖަރުމަނުން ލަފާ ދީފި އެވެ.

ޖަރުމަނުގެ ސްޓޭންޑިން ކޮމިޓީ އޮން ވެކްސިނޭޝަނުން ބުނި ގޮތުގައި، އެސްޓްރާޒެނެކާގެ ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ވުރެ، އެ ވެކްސިންގެ އެއް ޑޯޒާއި އެމްއާރުއެންއޭ ވެކްސިނެއްގެ އެއް ޑޯޒް ޖެހުމުން ކޮވިޑުން ރައްކާތެރިކޮށްދޭ މިންވަރު ބޮޑު ކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ. ޖަރުމަނުން ބޭނުން ކުރާ އެމްއާރުއެންއޭ ވެކްސިންތަކަކީ ފައިޒާއާއި މޮޑާނާއިން އުފައްދާ ވެކްސިންތަކެވެ.

ޖަރުމަނުން އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒް ޖަހާ ނަމަ އަންގާފައި އޮންނަނީ ދެ ޑޯޒް ދޭތެރޭގައި ނުވަ ހަފްތާ އާއި 12 ހަފްތާއާ ދެމެދުގެ މުއްދަތެއް ހޭދަ ކުރުމަށެވެ. ނަމަވެސް ދެވަނަ ޑޯޒަށް ތަފާތު ވެކްސިނެއް ބޭނުން ކުރާ ނަމަ، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް އެގައުމުން ބުންޏެވެ.

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އެސްޓްރާޒެނެކާގެ އެއް ޑޯޒް ޖެއްސެވުމަށް ފަހު ދެވަނަ ފަހަރު ޖެއްސެވީ މޮޑާނާ ވެކްސިނެވެ. އަދި އެއީ ދެ ބާވަތެއްގެ ވެކްސިން ޖެހުން ރައްކާތެރިކަން ދެއްކުމަށް އެކަމަނާ ކުރެއްވި ކަމެއް ކަމަށް ތަރުޖަމާނަކު ވިދާޅުވި އެވެ.

ޖަރުމަނުގެ 83 މިލިއަން މީހުންގެ އާބާދީގެ ތެރެއިން މިހާތަނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ވަނީ 37.3 ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް