ކުޑަކުދިންނާ ގުޅޭ ގާނޫނުތަކަށް މީހުން ހޭލުންތެރިއެއް ނޫން: އޮމްބަޑްސްޕާސަން

ރާއްޖޭގެ ރަށެއްގައި ކުޑަކުދިންތަކެއް ކުޅެނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މުޖްތަމައު ހޭލުންތެރި ނޫން ކަމަށް، ޗިލްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ސަންގު ޓީވީގައި ވާހަކަދައްކަވަމުން ނިއުމަތު ވިދާޅުވީ، އެ ގާނޫނުތަކަށް މީހުން އަހުލުވެރި ނޫންކަން އޮމްބަޑްސްޕާސަން އޮފީހުން ކުރި މަސައްކަތްތަކުން އެނގޭ ކަމަށެވެ. އަދި އޭގެ ސަބަބުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހެދިފައިވާ އުސޫލުތަކަށް އަމަލު ނުކުރާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ އިދާރާތްތައްވެސް އެ ގަވާއިދުތަކަށް އަހުލުވެރި ނޫންކަން ފާހަގަ ކުރައްވަމުން ނިއުމަތު ވިދާޅުވީ، އެކި އިދާރާތަކުގައި ލިޔެފައިވާ އުސޫލުތައްވެސް ތަފާތު ކަމަށެވެ.

މި ފަހުން ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖެއްގެ މައްސަލައިގައި ބައެއް ނޫސްތަކުން އެކުއްޖާގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުގެ ދަށުން ނޫހެއް ޖޫރިމަނާކޮށް, ތިން ނޫހަކަށް އިންޒާރު ދީފައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު ޝަފީގު އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސަންގުޓީވީގައި ޗައިލްޑް ރައިޓްސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު އިތުރަށް ވިދާޅުވީ ކުޑަކުދިންގެ ހިޔާއަކީ ކުދިން ބައިތިއްބަން ރައްކާތެރި ތަނެއް ނޫންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން، އޮޑިޓް ކުރުމަކާ ނުލައިވެސް ހިޔާ އަށް 17 ރެކޮމަންޑޭޝަން ފޮނުވާފައި ވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހަމައެކަނި ގާނޫނުގެ އަތްމައްޗަށް ދޫ ނުކޮށްލައި، އާއިލާއާއި ކަމާބެހޭ ފަރާތްތަކުގެ އިތުރުން އެކިއެކި މުއައްސަސާ ތަކުން ވެސް ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނިއުމަތު ފާހަގަ ކުރެއްވި އެވެ.

2019 ވަނަ އަހަރު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވާލުމަށްފަހު ރާއްޖޭގައި އަމަލުކުރަން ފަށާފައެވެ. އަދި އެ އަހަރު ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ނަމުގައިވެސް ގާނޫނެއް ވަނީ ހަދައި, އަމަލުކުރަން ފަށާފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ "ޗިލްރަންސް އޮމްބަޑްސްޕާސަން"އަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރަން އައްޔަން ކުރާ މަގާމެކެވެ.

comment ކޮމެންޓް