ޔޫއެފާ ޔޫރޯ 2020 މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް ޕެނަލްޓީގައި ބަލިކޮށް މުބާރާތުގެ ރެކޯޑް ޗެމްޕިއަން ޓީމު ސްޕެއިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
ރަޝިޔާގެ ސެއިންޓް ޕީޓާސް ބާގް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ސްޕެއިން ކުރި ހޯދީ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އެންމެ ފަހުގެ ޔޫރޯގެ ނާކާމީޔާބީއަށްފަހު މުޅިން އައު ފެށުމަކާ އެކު ސްކޮޑު މުޅިންހެން ބަދަލުކޮށް ސްޕެއިނުން މިފަހަރުގެ ޔޫރޯގައި ތަފާތު ދައްކަމުން އަންނަ އިރު އެ ޓީމު ސެމީގައި ވާދަ ކުރާނީ މިރޭ ބެލްޖިއަމާއި އިޓަލީ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
ސްޕެއިނުން ކުއާޓާގެ ފުރުސަތު ހޯދީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 5-3 އިން ކްރޮއޭޝިއާ ބަލިކޮށްގެންނެވެ. ސްވިޒަލެންޑް ވަނީ ދެ ވަނަ ބުރުގައި މުޅި ދުނިޔެ ހައިރާންކޮށްލައި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް ކަޓުވާލައިފަ އެވެ. ފްރާންސް 3-1 އިން ކުރީގައި އޮއްވައި ފަހު 10 މިނިޓް ތެރޭ 3-3 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން ސްވިޒަލެންޑް މޮޅުވީ 5-4 އިންނެވެ.
މިރޭގެ މެޗަށް ސްވިޒަލޭންޑުން ނުކުތީ އެ ޓީމުގެ ކެޕްޓަން ގްރެނިޓް ޒަކާ ކާޑު ހަމަވުމުގެ ސަބަބުން ޓީމުގައި ނުހިމަނައެވެ. މެޗު ފަށައިގެން ސްވިޒަލޭންޑަށް ހިންދަމާ ނުލެވެނީސް ސްޕެއިނުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ އަށް ވަނަ މިނަޓުގައި ލިބުނު ކޯނަރެއްގެ ފައިދާ ނަގައި ޖޯޑީ އަލްބާ ފޮނުވާލި ހަމަލާ ގޮސް ސްވިޒަލޭންޑުގެ ޑިފެންޑަރު ޑެނިސް ޒަކަރިއްޔާގެ ފައިގައި ޖެހިފައި ދިޔައީ ކީޕަރު ޑައިވް ކުރި ފަޅި ނޫން އަނެއް ފަޅިއަށެވެ.
މެޗުގެ ކުރީކޮޅު ލިބުނު ލީޑާ އެކު ސްޕެއިނުން އުންމީދާ އެކު ކުޅެމުން ދިޔަ ނަމަވެސް ސްވިޒަލޭންޑުން ވަނީ އެމީހުނަށް ލިބޭ ފުރުސަތުތަކުގައި ނުރައްކާ ކޮށްފަ އެވެ. އަދި ދެވަނަ ހާފުގައި އެ ޓީމުން ހިތްވަރާ އެކު ކުޅެ ޒާޑަން ޝަކީރީގެ ގޯލުން ލީޑު ވެސް ނެގި އެވެ. އެހެން ނަމަވެސް މެޗުގެ 78 ވަނަ މިނަޓުގައި އެ ޓީމުގެ ރެމޯ ފްރެއުލާއަށް ރަތް ކާޑު ދެއްކުމުން ސްވިޒަލޭންޑަށް މަޖުބޫރުވީ މެޗުގެ ބާކީބައިގައި ޑިފެންސް ކުރުމަށެވެ،
ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އިތުރުވަގުތުގެ އެންމެ ފަހުވަގުތާ ހަމައަށް ސްވިޒަލޭންޑުން ވަނީ ހިތްވަރުކޮށް ސްޕެއިން ހިފަހައްޓައިފަ އެވެ.
ސްވިޒަލޭންޑް މެޗުން ބަލިވީ ޕެނަލްޓީގައި ލިބުނު ނާކާމީޔާބީގަ އެވެ. ސްވިޒަލޭންޑުން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ބޭކާރުވެގެން ދިޔަ އިރު، ސްޕެއިނުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފަ އެވެ.