ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކާރާއި އާންމު މީހެއްގެ ޕިކަޕެއް އެކްސިޑެންޓުވި ސަރަހައްދުގައި ހުންނަވައި، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީގެ އިންތިހާބީ މެންބަރު އިމްރާން ލަތީފް (އިންމު) ހެއްދެވި ވީޑިއޯ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުމާ ގުޅިގެން ރައީސް ވަނީ، ވީޑިއޯކޮށްގެން މީހުން ފަޟީހަތްކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، އެގޮތަށް އިމްރާން ވެސް ފަޟީހަތް ނުކުރާން ގޮވާލައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި އެ ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކުރުމަކީ އަހުލާގީ ގޮތުންނާއި އިޖުތިމާއި ގޮތުން ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ!" ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެ މެސެޖަށް ސަރުކާރާއި ޕީއެންސީގެ މެންބަރުންގެ އިތުރުން ވެސް ގިނަ މީހުން މަރުހަބާކިއެވެ.
އޭގެ ތެރޭގައި އިމްރާން ރައީސަކަށް ހުންނަވާ އަދާލާތު ޕާޓީގެ މެމްބަރު ތޫބާ ރަޝީދު ހިމެނެއެވެ. އޭނާ "އެކްސް"ގައި ވިދާޅުވީ ރައީސް ވިދާޅުވީ ހައްގު ބަސްފުޅެއް ކަމަށާއި އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅާ ގުޅުވައި ޚިޔާލުފާޅުކުރި އިތުރު މީހުން ވަނީ އެ މަނިކުފާނު ދެއްކެވީ ނަމޫނާއެއް ކަމަށާއި، ސިޔާސީ ގޮތުން ބަދަލުނުހިފުމަށް ރައީސް ހިތްވަރު ދެއްވާފައިވާ ކަމަށެވެ.
"ބަދަލު ހިފުން ވަނީ ރުޅިވެރިކަމާއި، ފަސާދައަށް ހުޅުވާލެވޭ ދޮރެއް ގޮތުގައެވެ. މި މުޖުތަމަޢުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިލްތިމާސް ކުރުމުން ދޭހަކޮށްދެނީ ރައީސަކީ ގައުމުގެ މަސްލަހަތު އިސްކުރައްވާ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމަށް ބާރު އަޅުއްވާ ވެރިޔެއްގެ ގޮތުގައެވެ،" އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވެއެވެ.
އެ ވާހަކައަށް ބާރުދީ އެހެން މީހަކު "އެކްސް"ގައި ބުނެފައިވަނީ ރިޔާސީ ކެމްޕެއިންގައި އެ ދެބޭފުޅުންގެ މެދުގައި އޮތް ޒާތީ މުއާމަލާތްތަކަކާ ގުޅޭ ގޮތުން އިމްރާން ވާހަކަ ދެއްކެވި ނަމަވެސް މިއަދު ރައީސް އޭނާގެ ދިފާއުގައި ނުކުންނަވާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ވަނީ ސަރުކާރުގެ ޕާޓީއެއްގެ މެންބަރެއް ގޯސްކޮށް ކުރި ކަމަކުން މިސާލު ނަންގަވައި، އަމަލު ކުރަންވީ ރަނގަޅު ގޮތް އެ މަނިކުފާނު ދައްކަވައިދެއްވައިފައިވާތީ އެކަން ފާހަގަކޮށްފައެވެ.
މި ސަރުކާރުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ކަމަށް އައްޔަންކޮށްފައިވާ ހަމްދާން ޝަކީލު "އެކްސް"ގައި ހިއްސާކުރި ޕޯސްޓްގައި ވަނީ ސަރުކާރުން ވެފައިވަނީ ހުސް ވަޢުދުތަކެއް ނޫންކަމާއި، އެއީ ސަރުކާރު ހިންގަން ބޭނުންކުރާ އުސޫލުތައް ރައީސް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
އަމިއްލަ ޕާޓީގެ މެންބަރަކަށް ގޯސްހެދިފައިވާކަން ކޯލިޝަންގެ އިސް ލީޑަރު އަދި ގައުމުގެ ރައީސް ގަބޫލުކުރެއްވުމުން، އެއީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމެއް ކަމަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު މިހާރު އަންނަނީ ބުނަމުންނެވެ.
comment ނަސްރު
11 month 1 week ago
އިމުރާންމެން ލަދު ގަންނަން ދަސްކޮށްބަލަ. ނިކަން ދެކިބަލަ މިއަދު ޚުދު ރައީސް އެނުކުންނެވީ އިމުރާންގެ ދިފާޢުގަ އަމިއްލަ ޕާޓީގެ މެންބަރަކާވެސް ދެކޮޅަށް. މީނޫންތަ އިންސާނުންނަކީ. އިމުރާންމެން މީގެން އިބުރަތް ލިބިގަނެ ތައުބާވެ ކުރެވިފައިވާ ކުށްތަކަށް މަޢާފަށް އެދޭ
comment ލަމްހާ
11 month 1 week ago
އިމުރާނަށް އެއްޗެއް ވިސްނެން ވާނެ މިހާރު! ކޮންފަދަ ހުތުރު އެއްޗިއްސަކާ ކޮންފަދަ ނުލަފާ ތުހުމަތު ރައީސް މުއިއްޒުގެ އިސްތަށިފުޚުގައި އިމުރާންމެން އަޅުވާ އެމަނިކުފާންގެ ނަން ޚަރާބު ކުރަން މަސައްކަތް ކުރީ. އެހެން ނަމަވެސް އެއަކަށް ބެލުމެއް ނެތި ރައީސް ދައްކަވައިދެއްވީ ރައްޔިތުންގެ ރައީސެއްގައިގަ ހުންނާނެ އެއްމެ މަތިވެރި ސިފަ
comment ބަދީއު
11 month 1 week ago
އަހަރެމެން ރައީސްކަމަށް ބޭފުޅަކު މި އައްޔަންކުރީ ހަމަ ހުރެފަ ވަކި ޕާޓީއެއްވީމަ ހޮވި ބޭފުޅެއްނޫންކަން މިހާރު މޑޕ އަށްވެސް ގަބޫލް ކުރެވޭނެ. މީހާގެ އަޚުލާގާއި ސުލޫކާ ސުލްޙަ މަސަލަސް ކަމަށް އިޙުތިރާމް ކުރުމާ ވަކި ޕާޓީއަކަށް ކުލަޔަކަށް ނުބައްލަވާ ހަމަ ހަމަ ކަމާއެކު ހުރިހާ ރައްޔިތުނަށް ކަންތައް ކޮށްދޭނެ ކަމުގެ ޔަގީންކަން އޮތީމަ ރައީސްކަމަށް އެމަނިކުފާނު ހޮވާފަ އެހުރީ. އެކަން އެ ދަނީ ޢަމަލާއި ބަހުން ދައްކައިދެމުން.
comment އަހްމަދު
11 month 1 week ago
ވާހަކަތަކާއި މެސެޖުތައް ވަރަށް ރަނގަޅު. މުހިންމީ ޢަމަލު. ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް ސަނާ ކިޔުމަކީ ގިނަ ދިވެހިންގެ ނަފުސުގައި ހުރި އާދައެއް. ބަލަން ތިބެމާ!