ޓޮޓެންހަމަށް ނޫނޯ، އެވަޓަނުން ގެނައީ ބެނިޓޭޒް

ޓޮޓެންހަމުގެ ކޯޗުކަމާ ހަވާލުވި ނޫނޯއާއި އެވަޓަންގެ އައު ކޯޗަކަށް ހަމަޖެއްސި ރަފާ ބެނިޓޭޒް ---

މަގާމު ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ވުލްވްސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަވާލުވި އިރު، އެވަޓަންގެ ކޯޗަކަށް ރަފާ ބެނިޓޭޒް ހަމަޖައްސައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރެއް ކަމަށްވާ ޓޮޓެންހަމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ މަގާމުން ވަކި ކުރުމާއެކު ހުސްވެފައިވާ މަގާމަށް ނޫނޯ ގެނައިކަން ޓޮޓެންހަމުން ރޭ ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. މޮރީނިއޯ އޭޕްރީލް މަހު ވަކި ކުރި ފަހުން ޓޮޓެންހަމުގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރަޔާން މޭސަން އެވެ.

އެއާއެކު ދާއިމީ ކޯޗެއް ހޯދުމަށް ޓޮޓެންހަމުން ވަނީ ޔޫރަޕުގެ ނަން މަޝްހޫރު ގިނަ ކޯޗުންނާ ވާހަކަ ދައްކައިފަ އެވެ. އޭގެ ތެރޭގައި ޖެނާރޯ ގަޓޫސޯ، ހަންސީ ފްލިކް، އެންޓޯނިއޯ ކޮންޓޭ، ޕައޮލޯ ފޮންސޭކާ، މެސިމޯ އަލެގްރީ، ޓެން ހާގްގެ އިތުރުން ޕީއެސްޖީގައި ހުރި ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހިމެނެ އެވެ.

އުމުރުން 47 އަހަރުގެ ނޫނޯ ޓޮޓެންހަމުގެ ކޯޗުކަމާ ހަވާލުވީ 2023 ގެ ނިޔަލަށެވެ.

"މިވަރުގެ ހުނަރުވެރި އަދި ތަފާތު ސްކޮޑަކާ އެކު މަސައްކަތްކުރަން ލިބުމަކީ ލިބޭ ޝަރަފެއް. އުންމީދަކީ މި ޓީމާ އެކު ކުލަބުގެ ސަޕޯޓަރުން ހިތްހަމަޖެހޭނެ ފަދަ ކާމިޔާބީތަކެއް ހޯދުން." ޓޮޓެންހަމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ނޫނޯ ބުނެފައިވެ އެވެ.

މީގެ އިތުރުން މިފަހަކުން އެވަޓަންގެ ކޯޗުކަމުގައި ހުރުމަށްފަހު އެ ޓީމު ދޫކޮށް އެނބުރި ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް ކާލޯ އެންޗެލެޓީ ބަދަލުވުމާ ގުޅިގެން ލިވަޕޫލާއި، ރެއާލަށް ކޯޗުކަން ކޮށްދިން ބެނިޓޭޒް ވަނީ އެ ޓީމަށް ހަމަޖައްސައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ބެނިޓޭޒް އެ ޓީމަށް އައުމަށް އެއްބަސްވީ ތިން އަހަރުގެ މުއްދަތަކަށެވެ. ބެނިޓޭޒްގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2005 އަހަރު ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމެވެ. އޭނާ އެންމެ ފަހުން ކޯޗުކަން ކޮށްދިން ނިއުކާސަލް ޔުނައިޓެޑުން ވަކިވީ ކުލަބުގެ މެނޭޖްމެންޓާއެކު ދެކެވުނު ވާހަކަތަކަށްފަހު މުސާރައަށް އެއްބަސް ނުވެވިގެންނެވެ.

comment ކޮމެންޓް