ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު އަންނަ ދެކުނު އޭޝިޔާ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރަން ފަށަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން

ޖުލައި މަހުގެ 15 އިން ފެށިގެން ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ދެކުނު އޭޝިޔާ ސަރަހައްދުން އަންނަ ފަތުރުވެރިންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދޫކުރަން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ކޮވިޑް-19 ހާލަތު ދެކުނު އޭޝިއާ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް ރާއްޖެއިން ދެކުނު އޭޝިއާ ސަރަހައްދުން އަންނަ ފަތުރުވެެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލީ މޭ 13 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮތް ހަފްތާގައި ދެކުނު އޭޝިއާގެ ކޮވިޑްގެ ހާލަތަށް ބެލުމަށްފަހު، ދެކުނު އޭޝިއާގެ ގައުމުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައިވާކަމަށް އިއުލާންކުރައްވާފައެވެ.

އެ ނިންމުމާއި ގުޅިގެން މިރޭ ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކުރާނެކަމަށާއި އަދި އެ ފަތުރުވެރިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭނެކަމަށް ބުނެފައެވެ.

ހުށަހަޅަން ޖެހެނީ ކިހާ މުއްދަތެއްގެ ކުރިން ހަދާފައިވާ ޓެސްޓެއްގެ ނަތީޖާއެއްކަމެއް މިނިސްޓްރީއިން ބުނެފައެއް ނުވެއެވެ. އަދި މިކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލު ކުރިޔަށް އޮތް ތަނުގައި ހާމަކުރާނޭކަމަށް މިނިސްޓްރީއިން ބުންޏެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށަހަޅައިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދޫކޮށްފައެވެ.

ރައީސް ސޯލިހު ވަނީ މިއަދު ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެ އަންނަ ވޯކް ޕާމިޓް އޮތް ފަރާތްތަކަށްވެސް ވަކި ޝަރުތުތަކާއެކު ރާއްޖެއަށް އެތެރެވެވޭނެކަމަށް އިއުލާންކޮށްފަ އެވެ.

ރާއްޖެއިން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ވިސާ ދޫކުރުން ހުއްޓާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓްކަމުގައިވާ އިންޑިއާވެސް ހިމެނެއެވެ.

ރާއްޖެއިން ދެކުނު އޭޝިއާ ސަރަހައްދުން އަންނަ ފަތުރުވެރިންނަށް ވިސާ ދޫކުރުން ހުއްޓާލީ ކޮވިޑުގެ ޑެލްޓާ ވޭރިއެންޓް ހަލުވިކަމާއެކު ދެކުނު އޭޝިއާ ސަރަހައްދުގައި ފެތުރެމުން ދަނިކޮށެވެ. މި ވޭރިއެންޓް އަކީ މިހާރު ރާއްޖޭގައިވެސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ވޭރިއެންޓްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް