ހިޔާފުލެޓުގެ ކުލި އިތުރަށް ކުޑަކުރާނަމަ ސަރުކާރަށް ތަކުލީފަކަށް ވާނެ: ރައީސް

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ފްލެޓްތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި އިތުރަށް ކުޑަކުރާނަމަ ސަރުކާރަށް ތަކުލީފަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓުތަކުގެ ކުއްޔާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއަކީ ކޮމާޝަލް ލޯނެއް ނަގައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. އަށް ޕަސެންޓު އިންޓްރެސްޓުގައި 20 އަހަރުން ދައްކާގޮތަށް ނެގި އެ ލޯނުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުގައި އަޅާފައިވާ ފްލެޓުތަކުގެ އަގު ޖެހެނީ، ފްލެޓަކަށް 1.2 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ހިސާބުތަކަށް ބަލާއިރު ކުރިން އޮތީ 20 އަހަރުން ފްލެޓަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި އެއީ މަހު ކުއްޔަށް 10،419 ރުފިޔާ ދައްކައިގެން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއީ ބޮޑު އަދަދެއްކަން. ސޯޝަލް ހައުސިން އެއަށްވުރެ އަގުހެޔޮކޮށް އަތްފޯރާ ފަށުގައި ހުންނަން ޖެހޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން އެ ރިވިއުކޮށް، އަގުތަކަށް ބަދަލު ގެނެސްފައިވާނެ،"

އެބަދަލާއެކު ބިމުގެ އަގު ކަނޑައި އަދިވެސް އިތުރު މެނޭޖުމެންޓު ފީތައް އުނިކޮށްފައިވާނެ ކަމަށާއި އެ ބަދަލުތައް ގެނައުމުން ފްލެޓެއްގެ އަގު އެއްމިލިއަން ރުފިޔާ އަށް ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އިންޓްރެސްޓު ރޭޓު 6.7 ޕަސެންޓަށް ވަނީ ކުޑަކޮށްފައި، އަދި 25 އަހަރުން ޕޭމެންޓު ދައްކާގޮތަށް ހެދީމާ 7،500 ރުފިޔާ އަށް މި ޖެހެނީ،" ރައީސް ވިދާޅުވިއެވެ.

"މިއަށްވުރެ ކުޑަކުރާކަމަށް ވަންޏާ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަން ޖެހޭނެ. މިހާރުވެސް ސަރުކާރުން ގާތްގަނޑަކަށްލޯނު ދައްކާ ނިންމަން، ސަރުކާރުގެ ބަޖެޓުން އެބަ ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ. މިއީ ސަރުކާރަށް އެކި ގޮތްގޮތުން ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ހަމައެކަނި މި ފްލެޓުތަކަށް ހޭދަކުންޖެހޭ ވަރު،" ރައީސް ވިދާޅުވީ މިހާރު އޮތް އަދަދަށްވުރެ ބޮޑަށް ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

މި ސަރުކާރުން އަޅާ ފްލެޓުތައް އަޅަނީ އެ ހުރިހާ ކަމަކަށް ވިސްނައިގެން ކަމަށާއި، އެ ފްލެޓުތައް ހަވާލުކުރާނީ މަސައްކަތް އެއްކޮށް ނިންމައި، އެއަށްވުރެ ކުޑަ އަގެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ފްލެޓުތައް ދައްކަން ފަށާފައިވާއިރު، ފްލެޓުތައް ހަވާލު ކުރާނީ އެތަންތަނުގެ ފިނިޝިން މަސައްކަތް ނުނިންމަ އެވެ. ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުމަކީ ފިނިޝިން މަސައްކަތް ނުނިމި ހުރި ފްލެޓުތަކެއް ހަވާލުކުރާއިރު ބޮޑު ކުއްޔެއް ދައްކަން ޖެހުމެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް، ފްލެޓްތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޑީސީ އިން ބުނީ ހިޔާ ފްލެޓުތަކުގެ މަސައްކަތް ނިންމަން ތިން މަސް ދޭނެ ކަމަށާއި އެ މުއްދަތުގައި ކުލި ނުހިނގާނެ ކަމަށެވެ. ފްލެޓތަކުގެ ކުއްޔަށް7،500 ރުފިޔާ ނަގާއިރު މެއިންޓެނެންސް ފީ އަށް ނަގާ 1،000 ރުފިޔާ އާއެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހެ އެވެ.

އެ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 ފްލެޓު އެޅިނަމަވެސް ފްލެޓުތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް ބޭނުމަށް ހާއްސަ ކުރުމަށްފަހު އާންމުންނަށް ދޭން ނިންމީ 6،720 ފްލެޓެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އަންނަ މަހުގެ 14 އިން ފެށިގެން ހިޔާ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކުރަން ފަށާނެ ކަމަށާއި މަސްދުވަސްތެރޭ ހުރިހާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް