ޖުލައި 1އިން ފެށިގެން ދިރާގު ހޯމް ފައިބާ އިންޓަނެޓް ޕެކޭޖްތަކުގެ އަގުހެޔޮވާނެ

ދިރާގުން ފޯރުކޮށްދޭ ހޯމް ފައިބާ ބްރޯޑްބޭންޑް ޕްކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑޭޓާގެ އަގުތައް ހެޔޮކޮށްފި އެވެ.

މިއީ ސަރުކާރުން ހޯމް އިންޓަނެޓްގެ އަގު ހެޔޮކުރަން 27 މެއި 2021ގައި އިއުލާނުކުރި ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯއަށް އެއްބާރުލުން ދިނުމަށް، އެ އަގުތަކާ އެއްގޮތަށް ގެނައި ބަދަލެކެވެ.

ދިރާގުން ބުނީ އަލަށް ގެންނަ ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.

އެގޮތުން ކަސްޓަމަރުންނަށް ޕެކޭޖުތަކުން 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި އެހެންކަމުން މި ބަދަލާއެކު ޑޭޓާގެ އަގުތައް 50 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

އަލަށް ގެންނަ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތުގެ ތަފުސީލު ދިރާގުގެ ޔޫޓިއުބް ޗެނަލުން ބަލައިލެވޭނެ އެވެ.

ހޯމް ފައިބާ އިންޓަނެޓް ޕްކޭޖްތަކަށް ގެންނަ ބަދަލުތައް 1 ޖުލައި 2021ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ފަށާނެ އެވެ. އަދި ދުވަހުގެ 06:00އަށް ހުރިހާ ކަސްޓަމަރުންނަށްވެސް މި ބަދަލުތައް ފެންނާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެހެން ނަމަވެސް ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި މި ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށާއި އެހެންކަމުން ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ޕްކޭޖްތަކަށް އައިސްފައިވާ ބަދަލު ދިރާގު ވެބްސައިޓުގައިވާ "ޕެކޭޖް ޗެކާ"އިން ބަލާލެވޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80 ޕަސެންޓަށް ދިރާގުން ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ

comment ކޮމެންޓް