ޖުލައި 20ގެ ކުރިން ވެކްސިން ލިބޭނެ: ހެލްތު މިނިސްޓަރު

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް --- ފޮޓޯ: ރައީސް އޮފީސް

އަންނަ މަހުގެ ތެރޭ ރާއްޖެއަށް މިވަގުތަށް އެކަށީގެންވާ ވަރަށް ވެކްސިން ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގުނު ނަމަވެސް އަންނަ މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދެމެދު ވެކްސިން ލިބޭނެ ކަމަށެވެ.

"...މައުލޫމާތުތައް ދައްކަނީ ޖުލައި މަހުގެ 12 ވަނަ ދުވަހާ 20 ވަނަ ދުވަހާ ދޭތެރޭ ވެކްސިން ލިބޭނެ ކަމަށް. ލިބޭނީ އެސްޓްރަޒެނެކާ ވެކްސިން،" މިނިސްޓަރު ވިދާޅުވިއެވެ.

އެސްޓެރަޒެނެކާގެ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއިން 700،000 ޑޯޒް ވެކްސިން ގަންނަން މިދިޔަ ޑިސެމްބަރުގައި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. ސަރުކާރުން މީގެކުރިން ބުނެފައި ވަނީ މި ހިނގާ ޖޫން މަހު އެ ވެކްސިން ލިބޭނެ ކަމަށެވެ.

މި ޖޫން މަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ޖުލައި މަސް ތެރޭގައި 500,000 ޑޯޒް ލިބޭނެ ކަމަށް އެސްޓްރަޒެނެކާ ކުންފުނިން ޔަގީންކަން ދީފައިވާ ކަމަށެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވެފައިވަނީ, ރާއްޖެއިން އެއްބަސްވެފައިވާ 700,000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނި ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މިިދޔަ މަސް ނިމޭއިރު, ފުރަތަމަ ދެ ލައްކަ ޑޯޒް ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ. އަދި ޖުލައި މަހު ވެސް ދެ ލައްކަ ޑޯޒް ގެންނާނެ ކަމަށް ނަސީމް ވިދާޅުވެފައިވެ އެވެ. އަދި އޯގަސްޓުގެ ނިޔަލަށް ބާކީ ތިން ލައްކަ ޑޯޒް ވެކްސިން ލިބޭނެ ކަމަށް ނަސީމް ވިދާޅުވެފައި ވެއެވެ. މަހު ތިން ލައްކަ ޑޯޒް ގެންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ކޮވިޝީލްޑްގެ 300،000 ޑޯޒް ގަންނަން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއެސްއައި) އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އަދި މިހާތަނަށް ލިބިފައިވަނީ, 100،000 ޑޯޒް އެވެ. އިންޑިއާއިން ވެކްސިން ބޭރު ކުރުން މެދުކަނޑާނުލުމާއެކު, ރާއްޖޭގެ ގިނަ ބަޔަކަށް ވަނީ ފުރަތަމަ ޑޯޒް ވެކްސިން ޖެހުމަށްފަހު, ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި އެވެ.

ކޮވިޝީލްޑްއަކީ, އެސްޓްރާޒެނަކާގެ ފޯމިއުލާއިން ތައްޔާރު ކުރި ވެކްސިންއަކަށްވުމާއެކު, ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށް އެސްޓްރާޒެނަކާގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ވަނީ ލަފާ ދީފައެވެ.

ރަޝިއާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ"ވެކްސިންގެ ނައުމަށްވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މިއަދުވެސް މިނިސްޓަރު ވިދާޅުވީ އެ ވެކްސިން ހޯދަން ނަން ޑިސްކްލޯޒާ އެގްރިމެންޓުގައި ސޮއިކޮށްފައިވާ ކަމަށާއި ޑިސްޓްރިބިއުޓް ކުރާ ކުންފުނިން އެކަން ބަލައިގަނެފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ އެގްރިމެންޓުގައި ހުރި ބައެއް ކަންތަކާ ގުޅިގެން ހުރި މަޝްވަރާތައް ކަމަށާއި ވަރަށް އަވަހަށް ޕާޗޭސް އެގްރިމެންޓުގައި ސޮއިކުރެވޭނެ ކަމަށެވެ.

އެމެރިކާ އިން ވެކްސިން ހަދިޔާކުރާ ލިސްޓުގައި ރާއްޖެ ހިމެނިފައި އޮތް ނަމަވެސް އެ ވެކްސިލް ލިބޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

comment ކޮމެންޓް