ބަލިން ރަނގަޅުވެ ދެ މަސް ތެރޭގައި ކަރަންޓީނާ ނުލާ ދަތުރުކުރެވޭ ގޮތް ހަދައިފި

މާލޭގެ ދެކުނު ފަރާތު ޓީޖެޓީ އަދި ސުނާމީ ބިނާ ސަހައްދު މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހި ބަލިން ރަނގަޅުވާ މީހުންނަށް ރަނގަޅުވާ ދުވަހުން ފެށިގެން ދެ މަސް (60 ދުވަސް) ތެރޭގައި ކަރަންޓީނާ ނުލާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތަށް ހަދަން ސަރުކާރުން ނިންމައިފި އެވެ.

އެއަށް އަމަލުކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މިހާރު ކުރިޔަށްދާ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިގޮތަށް އިއުލާން ކުރެއްވީ މިހާރު ރާއްޖޭގައި އަޅާފައިވާ ކޮވިޑް-19 ގެ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތެރެއިންނެވެ.

"ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން، 60 ދުވަހުގެ ތެރޭގައި ކަރަންޓީނުވުމަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ފުރުސަތު އެބަ ލިބިދޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް އަދި މޭ މަސްތެރޭ ރާއްޖެއިން ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވުމުގެ ކުރިން ސަރުކާރާއި އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ކަރަންޓީނާއި ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހުއްދަ ދީފައެވެ. އެހެންނަމަވެސް ކޭސްތައް އިންތިހާއަށް އިތުރުވާން ފެށުމާއިއެކު އަނެެއްކާވެސް ދަތުރުކުރުން މަނާކުރިއެވެ.

ކޮވިޑް ޖެހި, ބަލިން ރަނގަޅުވުމަށްފަހު ދެ މަސް ނުވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރަން ހުއްދަ ދޭނެކަމަށް މިއަދު ރައީސް އިއުލާނުކުރެއްވި ނަމަވެސް ވެކްސިން ޖަހާފައިވާ މީހުންނަށް ދަތުރުކުރުމަށް ލުޔެއް އިއުލާނުކޮށްފައެއް ނުވެއެވެ.

މިއަދު ދެން އިއުލާންކުރި ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި އޮތް ކާފިއު ވަގުތު ކުރުކޮށް، ވިޔަފާރިތައް ހުޅުވާލައި، ކާފިއު ނޫން ގަޑިތަކުގައި ޕާމިޓަކާއި ނުލައި ބޭރުގައި އުޅެވޭނެ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

comment ކޮމެންޓް