އޮންލައިންކޮށް ޝަރީއަތް ބާއްވާ މައްސަލަ އިސްތިއުނާފެއް ނުކުރެވޭނެ: ހައިލަމް

އޮކްޓޯބަރ 31، 2018: ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އޭނާ އެދުމުން ޕީޖީ އޮފީހުން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އޮންލައިންކޮށް އެ ޝަރީއަތް ކުރިއަށްގެންދަން ނިންމާފަ އެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ހައިލަމް މިއަދު "ސަން" އަށް ވިދާޅުވީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ނުވަތަ މައްސަލަތައް ލަސްވެ އަދުލު އިންސާފަށް ބުރޫއަރާފާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ދައުވާ ލިބޭފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމަވެސް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ އިހުތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އަދި މައްސަލަ ލަސްވެ އަދުލު އިންސާފަށް ބުރޫ އަރާފާނެ ހާލަތަކީ ކޮބައިކަން ނިންމާނީ ފަނޑިޔާރުކަން ފާހަގަކުރެއްވިއެވެ.

އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދިއުމަކީ ގާނޫނުން ކޮންމެ މީހަކަށްވެސް ލިބިދޭ ހައްގަކަށް ވީނަމަވެސް، ހާއްސަ ހާލަތްތަކުގައި އެ މީހަކު އެދިގެން އެގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދެވެނޭ ކަމަށް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް އިތުރަށް ވިދާޅުވީ އެގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ނިންމި ނިންމުން ޕީޖީއަށް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.

"ރާއްޖެއިން ބޭރުގައި ހުރިނަމަވެސް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބޭކަން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 1-163 ވަނަ މާއްދާއާއި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދުގެ 2 އަދި 3 ވަނަ މާއްދާއިން ސާފުކޮށް އެނގޭ. އެހެންކަމުން އެކަން އިސްތިއުނާފު ކުރެވިދާނެ ކަމަކަށްވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" ކަމަށް ހައިލަމް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަަމަށް ޕީޖީން ބުނާ ބުނުމަށް ރައްދުދެއްވައި ހައިލަމް ވިދާޅުވީ ޖިނާއީ މައްސަލައެއްގައި، ރާއްޖޭގެ އެމްބަސީއެއްގައި ހުރެގެން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިންގެ ހެކިބަސް ނެގުން ހުއްދަވާނަމަ ދައުވާ ލިބޭފަރާތުން އެދިގެން އެގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުން މާ އައުލާކަން ބޮޑު ކަމަށެވެ.

ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައިވަނިކޮށް އޭނާ ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ދިޔައީ ކޯޓުގެ އިޒުނައާ އެކުއެވެ.

ނަމަވެސް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވުމުންވެސް އަލީ ވަހީދު އަނބުރާ ރާއްޖެ އައިސްފައެއް ނުވެއެވެ. އެހެންކަމުން އެންމެ ފަހުން ބޭއްވި އަލީ ވަހީދުގެ ޝަރީއަތް ބާއްވާފައިވަނީ އޮންލައިކޮށެެވެ.

ޝަރީއަތުގެ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވީ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ހާޒިރުވެގެންކަން ޕީޖީ އޮފީހަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޔަގީންކޮށްދީފައެވެ.

comment ކޮމެންޓް