މިފަހަރުގެ ގަދަހިފުމުގައި ރައީސް ނަޝީދުގެ މައްޗަށް ކާމިޔާބު ހޯއްދަވާނީ ރައީސް ސޯލިހު: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު އާ ދޭތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގައި މިފަހަރު ކުރި ހޯއްދަވާނީ ނަޝީދުގެ މައްޗަށް ރައީސް ސޯލިހުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި އޮތް ގާތް ގުޅުން ހީނަރުވެ، އެ ގުޅުމުގައި ރެނދު އަޅާފައިވާ ކަމަށެވެ. އުމަރު މި ހާލަތު ސިފަކުރެއްވީ "ސިޔާސީ ސުނާމީ"އެއްގެ ގޮތުގައެވެ.

"މި ސުނާމީގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެމްޑީޕީއަށް. ސަބަބަކީ އެމްޑީޕީ އަކީ މިހާތަނަށް ނަޝީދުގެ ގޮށްމުށުގެ ތެރޭގަ ވަރަށް ބޮޑަށް ތާށިވެފަ އޮތް ޕާޓީއެއް. މިފަހަރު އެކަން ތަފާތު ވާނެ. މީގެ ކުރީގަ ނަޝީދު އާ ޗެލެންޖުކުރި އެންމެން ވަނީ ޕާޓީން ވަކިކޮށްފަ. އެންމެ ފުރަތަމަ ވަކިކުރީ އިބުރާ. އޭގެ ފަހުން ޑރ. މުނައްވަރު. އޭގެ ފަހުން ޑރ. ޑީޑީ. ދެން އަލްހާން،" އުމަރު ވިދާޅުވިއެވެ.

އެމްޑީޕީއަށް ވާނެ ގޮތް ކަމަށް ބެލެވޭ ކަންކަން ހިނގާނީ ކުރީގެ ރައީސް އަބްދުالله ޔާމީނުގެ ސަރުކާރުގައި ޕީޕީއެމްގެ އެތެރޭގައި މައްސަލަ އުފެދި ދެ ފެކްޝަނަށް ބެހުމަށް މެދުވެރިވި ގޮތަށް ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުގަ ވެސް ޔާމީން އާއި މައުމޫނާ ދެމެދު ގަ ހަމަ މި ފެކްޝަން އުފެދިގެން ގޮސް އާހިރުގަ އެންމެފަހުން ރައީސް ޔާމީން މައުމޫނު ޖަލަށް ލާ ހިސާބަށްވެސް ގެންދިޔަ،" އުމަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައީސް ނަޝީދުއާ ވާދަކުރައްވައިގެން ރިޔާސީ ޓިކެޓު ކާމިޔާބުކުރައްވާނީ ރައީސް ސޯލިހުކަމަށް ޔަގީންކުރައްވާކަމަށް އުމަރު ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދަށް ރިޔާސީ ޓިކެޓު ލިބިވަޑައިނުގެންފިނަމަ ވަކި ޕާޓީއެއް ހައްދަވާނެކަމަށް ބެލެވޭ ކަމަށާއި, ނުވަތަ އެމަނިކުފާނު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަފާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ނުވަތަ އެހެނިހެން ސިޔާސީ ފަރާތްތަކާއެކު މަސައްކަތް ކުރައްވަންވެސް އުޅުއްވަފާނެކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމް، ޖުމްހޫރީ ޕާޓީ ފަދަ ޕާޓީތަކާއިއެކު މަސައްކަތް ކުރައްވަން ތަފާތު ދޮރުތައް ހުޅުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރުވެސް ހިނގަމުން ދާނެކަމަށް އުމަރު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ދެމެދުގައި މައްސަލަ ޖެހި އެމްޑީޕީ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަން މި ފަހުން އެމްޑީޕީގެ ބައެއް އިސް މެމްބަރުންގެ ބަސްމަގުންވެސް ހާމަވެފައިވެއެވެ.

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މީގެ ކުރިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހާ ވެރިކަން ހިންގުމުގެ ބާރާއި ދެމެދުގައި ހިޔާލު ތަފާތުވުން އުފެދި އެމްޑީޕީގެ މަސައްކަތައް ދެބައިވާ ތަން މިހާރު ފެންނަ ކަމަށެވެ.

ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު ދެ ބާރުގެ މަސައްކަތް އެއް ޕާޓީއެއްގެ ތެރޭގައި ކުރަން ޖެހުމަކީ ހިޔާލު ތަފާތުވުން އުފެދޭ ކަމެއް ކަމުގައިވެސް ބިގޭ ވިދާޅުވެފައި ވެއެވެ.

ބިގޭއަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ "ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދުއާ ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުނީމަ" ކަމަށެވެ.

އެމްޑީޕީގެ އިސް ފަރާތްތައް ތިއްބަވާ ބައެއް ވަޓްސްއެޕް ގްރޫޕު ތަކުގައި ރައީސް ސޯލިހް އާއި އެމަނިކުފާނުގެ ގާތް ބޭފުޅުންނަށް އަމާޒުކޮށް ރުޅިވެރިކަމުގެ ބަސްތަކުން ހަމަލާ ދީފައިވެއެވެ.

comment ކޮމެންޓް