ޔޫރޯ 2020: ފަސް ތަރީގެ މޮޅަކާ އެކު ސްޕެއިން ކުއާޓާއަށް

ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ//ޔޫރޯ 2020

ޔޫރޯ 2020 ގެ ގަދަ 16ގައި މިރޭ ކްރޮއޭޝިއާ ބަލިކޮށް ސްޕެއިނުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޑެންމާކްގެ މަޝްހޫރު ޕާކެން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ރަނަރަޕް ކްރޮއޭޝިއާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 3-5 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ތިންފަހަރު ޔޫރޯ ކާމިޔާބުކޮށް ރެކޯޑް ދަމަހައްޓާފައި އޮތް ސްޕެއިން ކުއާޓާގައި ވާދަ ކުރާނީ މިރޭ ފްރާންސާއި ސްވިޒަލޭންޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިއަދުގެ މެޗަށް ނުކުން އިރު ކްރޮއޭޝިއާގެ މުހިއްމު ކުޅުންތެރިޔާ އިވާން ޕެރިސިޗް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ އޭނާ ޓީމުގައި ނުހިމެނެ އެވެ. އަނެއް ކޮޅުން ޖޯޑީ އަލްބާގެ ބަދަލުގައި ސްޕެއިނުގެ ވާތުބެކަށް ލާފައިވަނީ ހޯސޭ ގާޔާ އެވެ. ނަމަވެސް ގަޔާއަށް އަނިޔާވެ އަލްބާ ވަނީ މެޗުގެ ބޮޑުބައިގައި ކުޅެފަ އެވެ.

މިހާތަނަށް ޔޫރޯގައި ފެނުނު އެންމެ ވާދަވެރި އެއް މެޗުގެ ގޮތުގައި ބެލެވޭ މިރޭގެ މެޗު ފަށައިގެން ސްޕެއިނުން މޮޅަށް ކުޅުނު އިރު، ފުރަތަމަ ހާފުގެ ކުރީކޮޅު ޕެޑްރީ ގޮންޒާލޭޒް މުޅިން ހުސްކޮށްލާފައި އޭރިއާތެރެއަށް ދިން ބޯޅަ ކޯކޭ ފޮނުވާލީ ކީޕަރު އަތަށެވެ. އޭގެ ފަހުން އަލްވާރޯ މޮރާޓާ ބޮލުން ޖެހި ބޯޅަ ޖެހުނީ ކްރޮއޭޝިއާ ޑިފެންޑަރު ގައިގަ އެވެ.

މެޗުގައި ފުރަތަމަ ލީޑު ކްރޮއޭޝިއާއަށް ލިބުނީ 20 ވަނަ މިނިޓްގައި ސްޕެއިންގެ ކީޕަރު އުނައި ސިމޯން އަތުން ހެދުނު ގޯހަކުންނެވެ. ހާފުގެ މެދަކާ ހަަމައިން ޕެޑްރީ ފަހަތަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރަން ސިމޯން ނެގި ފައިގައި ޖެހިފައި ބޯޅަ ގޮސް ވަނީ ބައިކޮޅަށެވެ.

ސްޕެއިނުގެ މި ގޯލަކީ މިފަހަރުގެ ޔޫރޯ މުބާރާތުގައި ބައިކޮޅަށް ވަން ނުވަ ވަނަ ގޯލެވެ. މީގެ ކުރިން އެއްވެސް ޔޫރޯއެއްގައި އެހާ ގިނަ ބައިގޯލު ވަދެފައެއް ނުވެ އެވެ.

ކީޕަރުގެ ގޯހާ އެކު ސްޕެއިނުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދި އިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަރާބިއާ އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ސްޕެއިނުން ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔަ އިރު، އެ ޓީމުން ވަނީ އެ ހާފުގެ ކުރީކޮޅު ލީޑު ނަގައިފަ އެވެ. ފެރާން ޓޮރެސް ހުރަސް ކޮށްލި ބޯޅަ ބޮލުން ފޮނުވާލާ ސްޕެއިނަށް ލީޑު ނަގައިދިނީ ސެޒާ އަޒްޕްލިކުއެޓާ އެވެ. އޭގެ ފަހުން ވެސް ސްޕެއިނުން ހަމަލާތައް އުފެއްދި އިރު، ފެރާން ޓޮރެސް ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ލީޑު ފުޅާކޮށްފަ އެވެ.

ސްޕެއިނުގެ ގޯލުތަކަށްފަހު ކްރޮއޭޝިއާ ކުޅުން ރަނގަޅުކޮށް ޓީމު ކުރިއަށް ޖައްސައިގެން ވަނީ ކުޅެފަ އެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ މިސްލާވް އޮރްސިޗްއާއި މާރިއޯ ޕަސަލިޗް އެވެ.

ނަތީޖާ ނެރުމަށް ކުޅުނު އިތުރު މިނަޓުގެ ދެ ހާފުގައި ސްޕެއިނުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ މެޗުގެ 100 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މޮރާޓާ ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޮލްމޯ ދިން ބޯޅައަކުން ސްޕެއިންގެ ފަސް ވަނަ ގޯލު ޖެހީ މިކޭލް އޮޔާޒަބާލް އެވެ. އޮޔާޒަބާލް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މި މުބާރާޓުގައި މިރޭ ކުޅޭ މެޗު 12:00 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު އެ މެޗުގައި ކުޅޭނީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިނާއި ސްވިިޒަލޭންޑް އެވެ.

comment ކޮމެންޓް