ހާއްސަ ހާލަތްތަކުގައި ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކާމެދު ފިޔަވަޅު އެޅޭނެ: ޕީޖީ ޝަމީމް

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާއްސަ ހާލަތްތަކުގައި ޖެންޑާ މިނިސްޓްރީއަށް މީޑިއާތަކާމެދު ފިޔަވަޅު އެޅިދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި ހަބަރުތައް ރިޕޯޓުކުރި ގޮތުން ޖެންޑާ މިނިސްޓްރީއިން ވަނީ ނޫހެއް ޖޫރިމަނާކޮށް، ތިން މީޑިއާއަކަށް ނަސޭހަތްތެރިވެފަ އެވެ.

ޖެންޑާއިން މީޑިއާތަކަށް ފިޔަވަޅު އެޅީ އެ މައްސަލައިގެ ހަބަރުތައް ގެނެސްދިނުމުގައި ކުޑަކުދިންނގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު އާންމުކޮށްފައިވާ ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނެރުނު ބަޔާނުގައި ބުނީ މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިހްތިސާސް ލިބިގެންވަނީ އެ ކައުންސިލަށް ކަމަށާއި އެ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީޑިއާތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަކީ ޖެންޑާ މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްއެމްސީއިން ވަނީ ބުނެފަ އެވެ.

މިކަންކަމާ ގުޅޭގޮތުން ޕީޖީ ޝަމީމްގެ ބްލޮގްގައި ޖޫން މަހުގެ 27 ވަނަ ދުވަހު ޕޯސްޓްކޮށްފައިވާ ހަފްތާ ރިވިއު އޯޑިއޯ ޕޯސްޓްގައި ވިދާޅުވީ ކުއްޖާ އުޅުނުކަމަށް ބުނާ ގޮތާއި ކުއްޖާގެ ބެކްގްރައުންޑް އަދި ކުއްޖާއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ބައެއް މީޑިއާތަކުން ހިއްސާކޮށްފައިވާ ކަމަށެވެ.

ކުށުގެ މައްސަލަތައް ސެންސޭޝަނަލައިޒްކޮށްގެން އެކި ގޮތްގޮތަށް ގެނެސްދިނުމަކީ ނޫސްވެރިކަމުގެ ހާއްސަ ސިފައެއްކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ގާނޫނީ ގޮތުން މިކަން އޮތް ގޮތް ބަލައިލުން މުހިންމު ކަމަށް ޕީޖީ ވިދާޅުވި އެވެ.

އެގޮތުން ކުޑަކުދިންގެ ކަންތައްތަކާ ބެހޭ ގޮތުން އަދި ހާއްސަކޮށް ކުޑަކުދިންގެ އަދުލާ ބެހޭގޮތުން ދެ ގާނޫނެއް ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ 18/19 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އާއި 19/19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އެވެ.

"ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 15ވަނަ މާއްދާގައި އެބަ ބުނޭ ގާނޫނާ ހިލާފުވާ ކުޑަކުދިން ހިމެނޭ ކޮންމެ މައްސަލައެއްގެ ހަބަރު ޝާއިއުކުރުމުގައި ވަކިފަރާތަކަށް ނުޖެހި، އެފަންނުގެ އެންމެ މަތީ މިންގަނޑުތަކަށް މީޑިއާތަކުން ތަބާވާންވާނޭ އަދި ކުއްޖާގެ މަސްލަހަތަށް އިސްކަންދީ، ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރަންވާނޭ." ޕީޖީ ވިދާޅުވި އެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގައި އޮންނަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން ހާމަކޮށްގެންނުވާނޭ. ދެން ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާ، މިކުދިންގެ މައުލޫމާތު ހާމަކުރާއިރު އެއްވެސް މީޑިއާތަކުން އެކުދިންނަކީ ކޮންބައެއްކަން ދެނެގަނެވޭނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް ޝާއިއުކޮށްގެން ނުވާނޭ."

މިފަދަ މައްސަލަތަކުގައި ކުރިން ތަސްވީރާއި މައުލޫމާތު ޝާއިއުކުރަމުން ދިޔައީ އޭރު މިކަމަށް ހާއްސަ ވަކި ގާނޫނެއް ނެތުމުން ވިޔަސް، މިހާރު ގާނޫނީ ގޮތުން މިއީ މަނާކަމެއް ކަމަށާއި މީޑިއާ ކައުންސިލުން ނެރެފައިވާ ކުޑަކުދިންގެ މައްސަލަތައް ރިޕޯޓު ކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންގައިވެސް ކުޑަކުއްޖެއްގެ ކަރާމާތަށް އަސަރުކުރާ ކަހަލަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޗައިލް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން މިއަހަރުގެ ނެރުނު ފަސް ނޫސްބަޔާނުގައިވެސް އެ ދެ މާއްދާގެ ވާހަކަ ތަކުރާރުކޮށް، ކުޑަކުދިންގެ ކަރާމާތަށް އަސަރު ނުކުރާ ގޮތަށް ނޫސްތަކުން ލިޔުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ޕީޖީ ފާހަގަކުރެއްވި އެވެ.

ގާނޫނީ ގޮތުން ޖެންޑާ މިނިސްޓްރީއާއި މީޑިއާ ކައުންސިލާ ދެމެދު ދެބަސްވުމެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ޖެންޑާ މިނިސްޓްރީއަށް އަމަލުކުރަން ޖެހެނީ ހާއްސަ ގާނޫނަކަށްކަން ފެނިވަޑައިގަންނަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެ ހާއްސަ ހާލަތުގައި ޖެންޑާ މިނިސްޓްރީއަށް އެކަމުގައި ފިޔަވަޅު އެޅުއްވި ދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް އެބަހުރި. ދެން އެވާހަކަ އަދި ބާއްވަމާ." ޕީޖީ ވިދާޅުވި އެވެ.

ޖެންޑާއަށް ހާއްސަ ހާލަތުގައި މީޑިއާތަކަށް ފިޔަވަޅު އެޅިދާނެ ކަމަށް ފެނިވަޑައިގަންނަވާ ސަބަބުތަކެއް ހުރިކަމަށް ވިދާޅުވި ނަމަވެސް، އޯޑިއޯ ކްލިޕުގައި އެކަމުގެ އިތުރު ތަފްސީލެއް ޕީޖީ ޝަމީމް ދެއްވާފައި ނުވެ އެވެ.

މީގެ އިތުރުން މީހަކު މަރުވުމުން އެމީހެއްގެ ގޯސް ވާހަކަ ދެއްކުމަކީ ސަގާފަތަށް އަދި ދީނީގޮތުން ބަލާއިރުވެސް އެދެވޭ ކަމެއް ނޫން ކަމަށާއި އެންމެ އެދެވިގެންދާ ގޮތަކީ އެމީހެއްގެ ފާފަ ފުއްސެވުންއެދި ދުއާ ކުރުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

މިފަދަ ކަންކަމަކީ އަދަބުދީގެން ހައްލުވާނެފަދަ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިކަމުގެ ހޭލުންތެރިކަން އިތުރުވެގެން މިކަމަށް ނޫސްވެރިންވެސް އިތުރަށް ސަމާލުވާނެ ކަމަށް. ނޫސްތަކުން މައުލޫމާތު ގެނެސްދެއްވަންވާނެ އެކަމަކު ކޮންމެވެސް ހަމައެއްގެ ތެރެއިން އެކަން ކުރެވޭތޯ ބެއްލެވުމަކީ ވަރަށް މުހިންމު ކަމެއް އަދި އެއީ ނޫސްވެރިކަމުގެ ސުލޫކާވެސް އެއްގޮތް ކަމަކީ."

comment ކޮމެންޓް