އަންހެނުން ހިތާނުކުރުމަށް ހިތްވަރެއް ނުދެން، މައާފަށް އެދެން: އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފު --

އަންހެނުން ހިތާނުކުރުމަށް ހިތްވަރު ނުދޭކަމަށާއި އަންހެނުން ހިތާނުކުރުމަ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ރަނގަޅު ނޫން ތަސައްވަރެއް ބަޔަކަށް ލިބިފައިވާނަމަ އެކަމަށް މައާފަށް އެދޭކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި އިޔާޒް ވަނީ އޭނާގެ ޓްވިޓާގައި އަންހެނުން ހިތާނުކުރުމުގެ މައުޟޫއާ ގުޅޭ އެކި ލިޔުންތައް އާންމުކޮށްފައެވެ. އެކަމާ ގުޅިގެން އިޔާޒަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދިޔަ އިރު, އޭނާއާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

އިޔާޒް މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އަންހެނުން ޚިތާނު ކުރުމަކީ އެއްވެސް އިރެއްގައި އެކަމަށް ވަކާލާތު ކުރި އަދި ވަކާލާތު ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.

"އަންހެނުން ޚިތާނު ކުރުމުގެ މައްސަލައިގައި އަޅުގަނޑު ޓްވީޓްކުރި ހަމައެކަނި ސަބަބަކީ، މިކަމަކީ އިސްލާމީ ޝަރީޢަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާއްމުންނަށް ވިސްނޭގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުން ދާތީ، އިސްލާމީ ހައިސިއްޔަތުން، އިލްމީ އަމާނާތަށް އަމާނާތަށް ރައްކާތެރިވުމުގެ ގޮތުން އިސްލާމްދީނުގައި މިކަމުގެ އަސްލެއް އޮތް ކަމަކީ ދެކޮޅު ނުހެދޭނެ މިންވަރަށް ހުއްޖަތް ހުރި މައްސަލައަކަށް ވާތީ އެކަން ބަޔާންކޮށްދިނުމަށެވެ،" އިޔާޒު ވިދާޅުވެފައި ވެއެވެ.

އަންހެންކުދިން ޚިތާނު ކުރުމަކީ ރާއްޖެއިން ނެތިގޮސްގައިވާ އާދައެއް ކަމަށް ބެލެވޭ ކަމަށާއި، އެ އާދަ އަނބުރާ އިޔާދަކުރުމަށް އެއްވެސް މިންވަރެއްގައި ވަކާލާތު ނުކުރާކަމަށް ބަޔާނުގައި އިޔާޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖޭގައި 2016-2017 އާ ދެމެދު ކުރިއަށް ގެންދިޔަ ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭއާ ހަވާލައިދީ، ޔުނިސެފުން ބުނީ ރާއްޖޭގެ އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 - 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ.

އެ އުމުރުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ. އެހެން ނަމަވެސް އެ ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވެއެވެ.

މި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވެސް ވަނީ ރާއްޖޭގައި އަންހެނުން ހިތާނުކުރުމުގެ ސަގާފަތެއް އުފެދެމުން އަންނަ ކަމަށް ހާމަކޮށްފައެވެ.

އިޔާޒުގެ ބަޔާނުގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް މައްސަލައެއް ކަމަށެވެ. އެގޮތުން އެއީ ހަރާމް ކަމެއްކަމަށް ފަހުގެ ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށާއި އެހެން ނަމަވެސް ހިލާފު އޮތް މައްސަލައެއްގައި އޮންނަނީ އެންމެ ރައުޔެއް ކަމުގައި ބަލައި, އެހެން ރައުޔުތަކަކީ ނެތް ތަކެތި ކަމުގައި ހެދުމަކީ އިލްމީ އަމާނާތްތެރި ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް އެހެން މަޒުހަބުތަކުގައި އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން އޮންނަ ގޮތްވެސް އޭނާގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ޓްވިޓާގައި އިޔާޒު އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ވާހަކަ ދެއްކެވުމުން ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އެއީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި އަންހެނުން ހިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށް މިސްރުގެ ފަތުވާ އިދާރާއިން ނިންމާފައިވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

"އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއު ކުރައްވާފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް. އަންހެންކުދިން ހިތާނު ކުރުމެއް ނޯވޭ. ހިތާންކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިސްލާމީ ނާތަހުޒީބީ ޢަމަލެއް," މައުމޫން ޓްވީޓުކުރައްވައި ވިދާޅުވިއެވެ.

ޑރ. އިޔާޒު ނެރުނު ބަޔާނުގައި ވިދާޅުވީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައި އެކަމާ ދެކޮޅަށް އޭނާ އިސްވެ ތެދުވެ ހުންނެވި ދަނޑިވަޅެއްގައި "އިލްމީ ގޮތުން ހަގީގަތެއް ބަޔާންކޮށްދިނުމުގެ ސަބަބުން" އޭނާއާ މެދު ނަފްރަތު އުފައްދައި, އޭނާއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ހުށަހަޅާއި އަދި ވަޒީފާގެ ބިރު ދައްކައި ހަދަމުންދާ ވަގުތު ދީނީ އިލްމުވެރިން ހަނު ތިއްބަވައި, "ލާދީނީ ފަރާތްތަކުން އެފަރާތްތައް ބޭނުންހާ ގޮތަކަށް ދީނީ އިލްމުވެރިންގެ އަގު ވައްޓާލެވެމުން ދާދިއުން" ކުށްވެރިކުރައްވާ ކަމަށެވެ.

comment ކޮމެންޓް