ކުޑަކުއްޖާގެ މަރުގެ ތަހުގީގު ބާރަށް ކުރިއަށް އެބަދޭ، އިންސާފު ލިބޭނެ: ޝަމީމް

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓް ލިބި، އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

މިކަމާ ގުޅިގެން ޝަމީމް "ސަން" އަށް ވިދާޅުވީ އެ ކުއްޖާގެ މަރުގެ ތަހުގީގު ކުރިއަށްދާގޮތް މިއަދު ހެނދުނުވެސް ބެއްލެވި ކަަމަށާއި ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަަމަށެެވެ.

އެ ކުއްޖާގެ އާއިލާއަށް އިންސާފު ލިބޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެހެން ފަރާތްތަކަށްވެސް އިންސާފު ލިބޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އިން މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން މިހާތަނަށް 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުންނަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ ނިންމާފައެވެ.

އެ އެކުއްޖާ މަރާލާފައި ވަނީ ރަހީނު ކުރުމަށްފަހު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗު ސަރަހައްދުންނެވެ. އަދި އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް