ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުން އިއްޔެ ނައްތާލި ބަނގުރާ -- ފޮޓޯ/ ފުލުހުން

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެ ތަކެތި ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގަ އެވެ.

ފުލުހުން ބުނީ އިއްޔެ ނައްތާލީ ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށެވެ. އެއީ 12 އިންސިޑެންޓެއްގައި ހިމެނޭ އެވިޑެންސްތަކާއި 2021 ވަނަ އަހަރު ފައިލްކުރެވިފައިވާ 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗެވެ.

އޭގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން 13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފުޅިއާއި 18 ބިޔަރު ފުޅި އަދި 45 އެހެނިހެން ތަކެއްޗެވެ.

ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތަށި ފަދަ ތަކެއްޗެވެ.

އިއްޔެ ނައްތާލާފައި ވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.

އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އަންނަ ފަތުރުވެރިންގެ އަތުން ނެގިފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ވެސް ހިމެނެ އެވެ.

އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު ދިވެހި ފުލުހުންގެ ހިދުމަތަށް 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފް ކުރެވިފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހާ ބަނގުރާ ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް