މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެއާ ހަމައަށް 500،406 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މާޗު މަހު އެވެ. މާޗު މަހު ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން އައި އިރު، މިހާރު ފަތުރުވެރިން އަންނަ އަދަދު ވަނީ ދަށްވެފަ އެވެ. ސަބަބަކީ، މިއީ ފަތުރުވެރިކަމުގެ އޮފް ސީޒަނަށްވެފައި، އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ އިންޑިއާ މާކެޓުން ފަތުރުވެރިން އައުން މަޑުޖައްސާލާފައި އޮތުމެވެ.
މީގެ އިތުރުން ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، ބައެއް މާކެޓުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރުމުގައި ޓްރެވަލް އެޑްވައިޒަރީ ނެރެފައި އޮތުމާއި ބައެއް ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރަށް ހުރި ހުރަސްތަކާއެކު ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.
އެވްރެޖުކޮށް ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 1،837 ގައެވެ.
އިއްޔެއާ ހަމައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެއީ 120،514 ފަތުރުވެރިންނެވެ.
އިންޑިއާ އިން 89،599 ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑުތައް ދައްކައެވެ. މީގެ އިތުރުން ޖަރުމަނުން 27،151 ފަތުރުވެރިން، ޔޫކްރެއިން އިން 24،203 ފަތުރުވެރިން އަދި އެމެރިކާ އިން 18،505 ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑުތައް ދައްކަ އެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 ގައުމުގެ ތެރޭ ދެން ހިމެނެނީ ކަޒަކިސްތާން، އިނގިރޭސިވިލާތް، ރޯމޭނިއާ އަދި ފްރާންސްގެ އިތުރުން ޗެކްރިޕަބްލިކް އެވެ.
ރާއްޖޭގައި މިވަގުތު 731 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ ޖުމްލަ 47،482 އެނދެވެ.
މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 555،494 އެވެ. އަދި 2019 ގައި 1،702،887 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.