މާލެއާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރަން ޗައިނާ ކުންފުންޏަކަށް ދީފި

ވެމްކޯ ސައިޓްގައި އޮތް ކުނި ލޮރީއަކަށް ބިދޭސީއަކު ކުނި އަޅަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމުކުރަން އެންވަޔަރަމެންޓް މިނިސްޓްރީން ހަވާލުކުރީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރު، ޒޭންގ ޓާއޯ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުވުމުން މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮއިންޓެއިނަރުތަކުގައި ބެހެއްޓޭނެ ކަމަށާއި އޭގެ ސަބަބުން މޫދަށާއި ކަނޑަށް ކުނި އެޅޭ މައްސަލައަށް ޖުމްލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ.

އެގޮތުން، ކޮންސްޓްރަކްޝަން ކުންޏާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެކަމަށް ހާއްސަކުރެވިފައިވާ ކޮންޓެއިނަރުތަކުގައި ކަމަށާއި، އޭގެ ސަބަބުން، ތިލަފުއްޓަށް ކުނި ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުންވެސް، ކުނި ހާމަގޮތެއްގައި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނިވެސް ވަކިކުރެވި، ކޮންޓެއިނަރުތަކުގައި ބެހެއްޓުމުގެ ސަބަބުން، ކުނި ބަހައްޓާ ތަނުގައި މެއްސާއި ފަނިފަކުސަ ގިނަ އަދަދަކަށް ހުރުން ފަދަ ކަންކަމަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އާއި ސީއެސްސީއީސީ އާއެކު ސޮއިކުރި އެއްބަސްވުމުގެ އަގަކީ ހަ ލައްކަ ރުފިޔާ އެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް އެކެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މަސައްކަތް އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ގްރޭޓާ މާލެ ސަރަހައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުމެވެ.

އެ ޕްރޮޖެކްޓް ހިންގަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް އެކެއްގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށް އަދި ކާރިސާތަކަށް ވިލުންވެރި، ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި ރަށުފެންވަރުގެ ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

ދެވަނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

comment ކޮމެންޓް