އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދަތުރުކުރުން މަނާކުރަން ޕީޖީއިން އަނެއްކާވެސް އެދެފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ކުށުގެ ދައުވާއުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ސްޕޯކްސްޕާސަން އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދް ޝަފީއު ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންގެ ކިބައިން އެ އޮފީހުން އަނެއްކާވެސް އެދިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

"ފުލުހުންގެ ކިބައިން ވާނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް އެދިފަ،" ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުގައި މިވަގުތު ހުރި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ނަތީޖާއަކީ އެ ޕާސްޕޯޓް ބޭނުންކޮށްގެން އަލީ ވަހީދަށް އިނގިރޭސިވިލާތުން އެހެން ގައުމަކަށް ދަތުރުކުރިޔަ ނުދިނުންކަމަށާއި އަދި ޕީޖީ އޮފީހުން އުންމީދު ކުރަނީ އެ ހާލަތުގައި އަލީ ވަހީދަށް އެނބުރި ދަތުރުކުރެވޭނީ ހަމައެކަނި ދިވެހި ރާއްޖެއަށް ކަމަށް ވުމެވެ.

""ޕާސްޕޯޓް ހިފެހެއްޓުމުގެ ނަތީޖާއަކީ އެ ޕާސްޕޯޓް ބޭނުންކޮށްގެން އާންމުކޮށް އެއް ގައުމުން އަނެއް ގައުމަށް ކުރެވޭ ދަތުރުތައް ނުކުރެވުން،" ޝަފީއު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެދި ހުއްދައަށް އެެދިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް މިދިޔަ ފެބްރުއަރީ މަހު ދޫކުރީ ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫނުކޮށް ޓްރެވެލް ޑޮކިއުމެންޓްއެއްގެ ދަށުން އަލީ ވަހީދު ފުރަން ހުއްދަ ދިނުމަށް ކޯޓުގައި އެދިފައި ވަނިކޮށެވެ.

އަލީ ވަހީދު ރާއްޖެއިން ފުރާފައި ވަނީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުގަ އެވެ.

އަލީ ވަހީދު މިވަގުތު ހުރީ އިނގިރޭސިވިލާތުގަ އެވެ. ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން މި އެދުނީ އޭނާ ބޭރަށް ފުރަން ކޯޓުން ދިން މުހުލަތު ހަމަ ވެފައި ވަނިކޮށެވެ.

comment ކޮމެންޓް