ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތަށް ބޭސްފަރުވާއަށް ދަތުރުކުރުމަށްފަހު ދިރިއުޅެމުންދަނީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން އައްޔަނުކޮށްފައި ހުންނަ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ ގެކޮޅުގައިކަމަށް ބުނެ މީޑިއާގައި ޝާއިއުކުރި ރިޕޯޓު ޔޫކޭގައި ހުންނަވާ ދިވެހި ސަފީރު ދޮގުކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރުމަށްފަހު އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުމަށް ކްރިމިނަލް ކޯޓުން ހުއްދަދިނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ދަތުރުކުރުމަށްފަހު އަބުރާ ރާއްޖެ އައުމަށް އަލީ ވަހީދަށް ދިން މުހުލަތު މިހާރު ހަމަވެފައިވާއިރު، އަލީ ވަހީދު އިނގިރޭސިވިލާތުގައި ދިރިއުޅޭ ތަނެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ. އެހެންނަމަވެސް އިއްޔެ ރާއްޖޭގެ ނޫހަކުން ވަނީ އަލީ ވަހީދު އިނގިރޭސިވިލާތުގައި ދިރިއުޅެމުން ދަނީ ދިވެހިރާއްޖެއިން އެގައުމަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައިކޮމިޝަނަރު ނައުޝާދު ވަހީދުގެ ގެކޮޅުގައިކަމަށް ބުނެ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.
ޔޫކޭގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކުރެއްވި ޓްވީތެއްގައި ވިދާޅުވީ އެ ރިޕޯޓަކީ 100 ޕަސަންޓު ދޮގު މައުލޫމާތެއް ކަމަށެވެ. އަދި އެ ރިޕޯޓަކީ ޑެޕިއުޓީ ހައިކޮމިޝަނަރާއި ޔޫކޭގައި މަސައްކަތްކުރާ ދިވެހި ހުރިހާ ޑިޕްލޮމެޓުންގެ ޓީމަށް އަމާޒުކޮށް އަބުރު ކަތިލުމަށް ކުރެވުނު ހުތު އަމަލެއް ކަމަށް ފަރަހަނާޒް ވިދާޅުވިއެވެ.
އަލީ ވަހީދު ދިރިއުޅެމުންދާ ތަނެއް އަދި އަބުރާ ރާއްޖެ ގެނެވޭނެކަމާމެދު ސަރުކާރުން ވަކި އެއްޗެއް ހާމަކޮށްފައިނުވާއިރު އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލައިގައި އެ މައްސަލައާއި ގުޅޭ ހުރިހާ ލިޔުންތަކެއް ނުލިބޭކަމަށް އަދި އެ މައްސަލަ އޮންލައިންކޮށް ކުރިޔަށް ގެންދަން ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ދެކޮޅު ހަދައިފަ އެވެ. ޕީޖީ އޮފީހުން ވަނީ ޖިނާއީ ދައުވާއެއް ކުރެވޭނީ އެ މައްސަލަ ރައްދުވާ ފަރާތް ރާއްޖޭގައި ހުރެގެންކަމަށް ބުނެފަ އެވެ.
އަލީ ވަހީދު މައްސަލައިގެ އަޑުއެހުންތަކުގައި ބައިވެރިވަނީ އޮންލައިންކޮށް އިނގިރޭސިވިލާތުގައި ހުންނަ ހައި ކޮމިޝަން މެދުވެރިކޮށެވެ. އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ، އަދި ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާ ހިމެނެ އެވެ. އަލީ ވަހީދުގެ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަބަދުވެސް ސަރުކާރަށް އަމާޒުވަމުންނެވެ.