ގދ. އަތޮޅުގައި ކޮވިޑް ކޭސްތައް އަދިވެސް މަތަނުވޭ، އެކްޓިވް ކޭސްތައް 300 އިން މަތި!

ގދ. ގައްދޫ. (ފޮޓޯ/ޝޯޑީ/ފޭސްބުކް)

ގދ. އަތޮޅުގައި މިވަގުތު އެކަނިވެސް ކޮވިޑް-19 ގެ 300 އަށް ވުރެ ގިނަ ކޭސް އެބަ ހުރިކަމަށް ގދ. އަތޮޅު ތިނަދޫ ޑރ. އަބަދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އިއްޔެއާ ހަމަޔަށް އެ ހޮސްޕިޓަލުން ހާމަކުރި މައުލޫމާތަށް ބަލާއިރު މިވަގުތު ގދ. އަތޮޅުގެ ހަތަރު ރަށެއްގައި ޖުމްލަ 307 އެކްޓިވް ކޭސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ތިނަދޫ، ގައްދޫ، ފަރެސްމާތޮޑާ އަދި ފިޔޯރީ ހިމެނެ އެވެ.

މުޅި އަތޮޅުން އިއްޔެ އަލަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 23 ގަ އެވެ. އޭގެ ތެރޭގައި އެންމެ އާބާދީ ބޮޑު އަދި ވެރިކަން ކުރާ ރަށް ތިނަދުއިން 18 ކޭސް އަދި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށް ގައްދުއިން ފެނުނު ފަސް ކޭސް ހިމެނެ އެވެ.

ތިނަދޫގައި މިވަގުތު 223 އެކްޓިވް ކޭސް އެބަ ހުއްޓެވެ. ގާތްގަނޑަކަށް 8،000 މީހުންގެ އާބާދީއެއް އޮންނަ ތިނަދުއިން ޖުމްލަ 511 ކޭސް މިހާތަނަށް ފެނިފައިވާއިރު އެރަށުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 288 ގަ އެވެ. ތިނަދޫ ކޮވިޑް ފެސިލިޓީގައި މިވަގުތު ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ގ.ދ. ތިނަދޫ. (ފޮޓޯ / ސްޓޫޑިއޯ33)

ގައްދޫގައި މިވަގުތު އެކްޓިވް 57 ކޭސް ހުރިއިރު އެރަށުން ޖުމްލަ 121 ކޭސް ވަނީ ފެނިފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 64 ގަ އެވެ. ފަރެސްމާތޮޑާގައި 26 ކޭސް އަދި ފިޔޯރީގައި އެއް ކޭސް އެބަ ހުއްޓެވެ. ފަރެސްމާތޮޑާއިން ޖުމްލަ 60 ކޭސް ފެނުނު އިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 34 ގަ އެވެ.

އެ އަތޮޅުން ފެނުނު ޖުމްލަ ކޭސްތަކުގެ އަދަދު ހުރީ 693 ގަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ހުރީ 387 ގަ އެވެ.

comment ކޮމެންޓް