އިންޑިއާއިން ގުރުއާން، އަރަބި ކިޔަވައިދޭން ޓީޗަރުން ގެނައީ ދިވެހީން ނުލިބުމުން: އެޑިއުކޭޝަން

ޖުލައި 1، 2020: އިސްކަންދަރު ސްކޫލުގެ ކްލާސްރޫމެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސްކޫލްތަކުގައި އަރަބި އަދި ގުރުއާން މާއްދާ ކިޔަވައިދޭން އިންޑިއާއިން ޓީޗަރުން ގެނައީ އެކަމަށް ދިވެހިން ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއާގެ ނޯކާ ރޫޓްސް ރެކްރޫޓްމަންޓް އެޖެންސީ މެދުވެރިކޮށް ކެރެލާއިން ގެނައި އަރަބި ކިޔަވައިދޭ ފަސް ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭ ފަސް ޓީޗަރަކު ރާއްޖޭގެ ނުވަ ސްކޫލެއްގައި ކިޔަވައިދެމުން ގެންދާ ކަމަށެވެ.

އެ ޓީޗަރުންނަކީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނުކޮށްގެންވެސް ޓީޗަރުން ނުލިބިގެން ގެނައި ޓީޗަރުން ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އެއީ ޓީޗަރުން ނުލިބި ހުރި މަގާމުތަކަށް ޓީޗަރުން ހޯދުމަށްޓަކައި އެކި ގައުމުތަކުގެ ހައި ކޮމިޝަންތަކުގައި އެހީތެރިކަމަށް އެދުމުން، އިންޑިއާގެ ހައި ކޮމިޝަނުން، އެގައުމުގެ ސަރުކާރުން ސްޕޮންސާ ކޮށްފައިވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020ވަނަ އަހަރު ރެކްރޫޓްކުރި ޓީޗަރުން ކަމަށްވެސް އެޑިއުކޭޝަނުން ބުނެ އެވެ.

އެ ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީންކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނނާވެސް ވާހަކަ ދައްކައި، މުދައްރިސުންގެ ދަތިކަން ހުރި ރަށްރަށަށް ދެވޭނެ ފަރާތްތައް ހޯދަން މަސައްކަތް ކުރި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެހެން ނަމަވެސް އެކަން ކާމިޔާބު ނުވި ކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވާނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދިނީ ކަމަށެވެ.

ހަމައެއާއެކު އެ މަގާމުތަކަށް ދިވެހި ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ މަގާމުތަކަށް ދިވެހި ޓީޗަރުން ލިބޭނަމަ، ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމުތަކަށް ދިވެހިން އައްޔަން ކުރެވޭނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެ އެވެ.

comment ކޮމެންޓް